ރާއްޖޭގެ ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ 40 އިންސައްތަ ދިވެހި ރުފިޔާއަށް މާރުކުރަން މަޖުބޫރުވާ ގޮތަށް ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގެ މައި ޖަމްއިއްޔާ ކަމަށްވާ މަޓީގެ ބައްދަލުވުމެއް ވަރަށް ބޮޑަށް ހޫނުވެއްޖެ އެވެ.

މިދިޔަ އަންގާރަ ދުވަހު ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ އެކު ބޭއްވި މި ބައްދަލުވުމުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވުނީ މަޓީގެ ޗެއާމަން ހުސެން އަފީފް (ޗަމްޕާ އަފީފް) އާއި، ޑޮލަރު މާރުކުރުމުގެ މައްސަލާގައި ހިތްހަމަނުޖެހިގެން ރައީސް މުހައްމަދު މުއިއްޒުގެ ޓޫރިޒަމް އެޑްވައިޒަރުގެ މަގާމުން ދާދި ފަހުން އިސްތިއުފާ ދެއްވި މުހައްމަދު ހަލީލްއާ ދެމެދުގަ އެވެ.

ރާއްޖޭގައި ގިނަ ރިސޯޓުތަކަކާއި މަންޓާ އެއާގެ ހިއްސާ އޮންނަ ހަލީލް ވަނީ، ސަރުކާރުން ގެނައި މި ބަދަލަކީ ގައިރު ގާނޫނީ ނިންމުމެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ކޯޓަށް ހުށަހެޅުމަށް މަޓީއަށް ބާރުއަޅުއްވާފަ އެވެ. އޭނާ ވިދާޅުވީ މެންބަރުންގެ ހައްގުގައި މަޓީން ގާނޫނީ ގޮތުން ފިޔަވަޅު ނާޅާނަމަ، އެ ޖަމްއިއްޔާގެ މެންބަރެއްގެ ގޮތުގައި ހުރުމުގެ މާނައެއް ނެތް ކަމަށެވެ. އަދި ސަރުކާރާ ވާހަކަދައްކައިގެން މި މައްސަލައަށް ހައްލެއް ނުލިބޭނެ ކަމަށާއި، ޑޮލަރު އާމްދަނީގެ 40 އިންސައްތަ މާރުކުރަން މަޖުބޫރުކޮށްގެން ވިޔަފާރިތައް ހަލާކުކުރުމުގެ ހައްގެއް ސަރުކާރަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ރާއްޖޭގެ ޝަރުއީ ނިޒާމަށް އިޝާރާތް ކުރައްވައި، މިއީ "ބަނާނާ ރިޕަބްލިކެއް" ކަމަށް ވިދާޅުވެ ހަލީލް ދެއްކެވި ވާހަކަތަކަށް ޗެއާމަން އަފީފް ވަނީ ވަގުތުން ރައްދު ދެއްވާފަ އެވެ. އަފީފް ވިދާޅުވީ ރާއްޖެއަކީ އެފަދަ ގައުމެއް ނޫން ކަމަށާއި، ގައުމު ދިފާއުކުރަން ޖެހިއްޖެ ކޮންމެ ހާލަތެއްގައި ވެސް އެކަން ކުރައްވާނެ ކަމަށެވެ.

އަދި ހަމައެއާއެކު، ރައީސްގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު މި ކަންބޮޑުވުންތައް ރައީސްއާ ހިއްސާނުކުރެއްވީ ކީއްވެތޯ އަފީފް ސުވާލު އުފެއްދެވި އެވެ. އެ ސުވާލަށް ޖަވާބު ދެއްވަމުން ހަލީލް ވިދާޅުވީ، މަގާމުން އިސްތިއުފާ ދެއްވީ ވެސް މި ވާހަކަތައް ދެއްކެވުމުން ރައީސް އެ އަޑު ނޭއްސެވުމުން ކަމަށެވެ.

މި ބަހުސް އިތުރަށް ދިގުދެންމެވުމެއް ނެތި އަފީފް ވިދާޅުވީ، ވޭތުވެދިޔަ ތަނުގައި ވެސް ތަފާތު އެކި ސަރުކާރުތަކާ އެކު މަޓީން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ވިޔަފާރިވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދޭނީ މަޝްވަރާގެ އުސޫލުން ކަމަށް އަފީފް ފާހަގަކުރެއްވި އެވެ.