މި ސަރުކާރުން ވެރިކަމާ ހަވާލުވި އިރު ކަޅު ބާޒާރުގައި ޑޮލަރުގެ ރޭޓު ހުރި މިންވަރަށްވުރެ މިހާރު އެ ރޭޓު ދަށަށް ގޮސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޑޮލަރުގެ މައްސަލައާ ގުޅޭގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ރަސްމީ ރޭޓަކީ 15.42 ރުފިޔާ ކަމުގައި ވިޔަސް، މާކެޓުގައި ޑޮލަރުގެ ރޭޓު އަދި ހުރީ ހުންނަންޖެހޭ މިންގަނޑެއްގައި ނޫން ކަމަށެވެ. ނަމަވެސް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ޑޮލަރުގެ އަގު މިހާރު ދަށަށް ދާން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވީ، 17 ނޮވެމްބަރު 2023 ގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވި ދުވަސްވަރު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ ވަރަށް ބޮޑަށް އުފުލިފައި ކަމަށެވެ. އެހެންނަމަވެސް މިހާރު ލިބޭ މައުލޫމާތުތަކަށް ބަލާއިރު އެ ރޭޓަށްވުރެ އަގު ދަށްކުރެވިފައިވާ ކަމަށާއި، މިއީ އިގްތިސާދީ ގޮތުން ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

މި މައްސަލަ ހައްލުކުރުމަށް ވިޔަފާރިވެރިންނާއި، ހާއްސަކޮށް ބޭރު ފައިސާގެ އާމްދަނީ ލިބޭ ފަރާތްތަކުން ދެއްވާ އެއްބާރުލުން ފާހަގަކުރައްވައި މިނިސްޓަރު ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

"ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އެއްހަމައެއްގައި ހިފެހެއްޓުމަށާއި ތިރިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވަން،" ސައީދު ވިދާޅުވި އެވެ.

ކަޅު ބާޒާރުގެ ރޭޓްތަކަށް ބަލާއިރު މިހާރު ޑޮލަރުގެ އަގު އުޅެނީ 19.30 ރުފިޔާގަ އެވެ. މިއީ 2023 ވަނަ އަހަރުގެ ފަހުކޮޅު ބާޒާރުގައި ޑޮލަރުގެ ރޭޓް ހުރި މިންވަރެވެ.