މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީ ހަ ޕަސެންޓު ދަށްވެފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
މީރާއިން އާންމުކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި، މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 328 މިލިއަން ޑޮލަރެވެ. ނަމަވެސް މިދިޔަ އަހަރުގެ އެ މުއްދަތުގައި 350 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މީރާއިން ފާހަގަކުރި ގޮތުގައި، މި ކުއާޓަރުގައި ޑޮލަރުން ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ރާއްޖެއަށް އައި ފަތުރުވެރިން މަދުވެ، އެ ދާއިރާއިން ލިބުނު އާމްދަނީ ދަށްވުމެވެ.
މަހުން މަހަށް ޑޮލަރުގެ އާމްދަނީއަށް ބަލާއިރު، މިދިޔަ އޭޕްރީލް މަހު ޑޮލަރުން ލިބުނު އާމްދަނީ ފަސް ޕަސެންޓު ދަށްވި އިރު، މެއި މަހު ވަނީ 15 ޕަސެންޓު ދަށްވެފަ އެވެ. ނަމަވެސް ޖޫން މަހު ވަނީ 0.8 ޕަސެންޓުގެ ކުޑަ ކުރިއެރުމެއް އައިސްފަ އެވެ.
މި އަހަރުގެ ދެވަނަ ކުއާޓަރުގައި ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޓީޖީއެސްޓީންނެވެ. އެއީ ޖުމްލަ އާމްދަނީގެ 49 އިންސައްތަ ނުވަތަ 161.1 މިލިއަން ޑޮލަރެވެ. މީގެ އިތުރުން ރިސޯޓުތަކުގެ ކުލިން 35 މިލިއަން ޑޮލަރު، އާމްދަނީން ނަގާ ޓެކްސްގެ ގޮތުގައި 31.8 މިލިއަން ޑޮލަރު، ގްރީންޓެކްސްއިން 31 މިލިއަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީއިން 29 މިލިއަން ޑޮލަރު އަދި އެހެނިހެން އާމްދަނީގެ ގޮތުގައި 38 މިލިއަން ޑޮލަރު މީރާއަށް ވަނީ ބަލައިގަނެފަ އެވެ.
ޑޮލަރުން ލިބުނު އާމްދަނީ ދަށްވި އިރު، ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާތާ މަސްތަކެއް ވަނީ ވެފަ އެވެ. ރާއްޖެއަކީ އިމްޕޯޓަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމަކަށްވާތީ ޑޮލަރުގެ އަގު އުފުލުމާއެކު ތަކެތީގެ އަގުތައް ވަނީ އުފުލެން ފަށާފަ އެވެ.

