ދުނިޔޭގެ ޑިޖިޓަލް މިންގަނޑުތައް ކަނޑައަޅާ ދަ ޔުނިކޯޑް ކޮންސޯޓިއަމްއިން ނެރުނު ޔުނިކޯޑް ސްޓޭންޑާޑްގެ އެންމެ ފަހުގެ ވާޝަންގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނައިފި އެވެ.

މި އަހަރުގެ ސެޕްޓެންބަރު 16 ގައި ނެރެފައިވާ "UNICODE 18.0" ގައި ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައިވާއިރު، އެ ނިޝާނަށް ހާއްސަކޮށްގެން ދީފައިވާ ކޯޑް ޕޮއިންޓަކީ U+20C2 އެވެ.

ދިވެހި ރުފިޔާގެ ނިޝާނަކީ 2022 ވަނަ އަހަރުގެ ތެރޭގައި ތައާރަފުކޮށްފައިވާ ނިޝާނެކެވެ. މި ނިޝާން ބައިނަލްއަގުވާމީ ޔުނިކޯޑް ސްޓޭންޑާޑްގައި ހިމެނިގެން ދިއުމަކީ ޑިޖިޓަލް ވަސީލަތްތަކުގައި ދިވެހި ފައިސާގެ ނިޝާން ބޭނުންކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ބަދަލާއެކު، ވެބްސައިޓްތަކާއި މޯބައިލް އެޕްލިކޭޝަންތަކުގެ އިތުރުން އެކިއެކި ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ދިވެހި ރުފިޔާގެ ނިޝާން އެއް މިންގަނޑަކަށް ބޭނުންކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިގެން ގޮސްފަ އެވެ.

އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، މިއީ ޑިޖިޓަލް ތަފާތު ވަސީލަތްތަކުގައި ދިވެހި ރުފިޔާގެ ނިޝާން ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ގޮތް ހެދުމުގެ މަސައްކަތުގެ ތެރެއިން ހާސިލުކުރެވުނު މުހިންމު ލަނޑުދަނޑިއެކެވެ.

ޔުނިކޯޑް ސްޓޭންޑަރޑްގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން އެހީތެރިވެދެއްވި އަދި މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށް އޮތޯރިޓީން ވަނީ ޝުކުރު އަދާކޮށްފަ އެވެ.