ދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން 2026 ބެޑްމިންޓަން މުބާރާތް، ޑިސެންބަރު 13 އިން 19އަށް މާލޭގެ އެކުވެނި ބެޑްމިންޓަން ކޯޓުގައި ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު، 25 ނޮވެންބަރުގެ ނިޔަލަށް މިހާރު ވަނީ ހުޅުވައިލައިފަ އެވެ.
ޒުވާނުން ބާރުވެރިކުރުވައި ރާއްޖޭގެ ކުޅިވަރުގެ ދާއިރާ ތަރައްގީކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި މުބާރާތް އިންތިޒާމުކުރަނީ ބެޑްމިންޓަން ކްލަބާ ގުޅިގެންނެވެ. އަދި މިއީ ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސްގެ އެންޑޯޒްމަންޓާއެކު ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގެ މައިގަނޑު އަމާޒަކީ، ވާދަވެރި މާހައުލެއްގެ ތެރެއިން ދިވެހި އަދި ބައިނަލްއަގްވާމީ ޒުވާން އެތުލީޓުންގެ ހުނަރު ކުރިއެރުވުމަށް ފަހި ފުރުސަތުތަކެއް ފޯރުކޮށްދިނުމެވެ.
ބޮޑު ތަރުހީބެއް ލިބިގެންދިޔަ 2025 ވަނަ އަހަރުގެ މި މުބާރާތުގައި 8 ގައުމަކުން ޖުމްލަ 347 ކުޅުންތެރިން ވަނީ ބައިވެރިވެފަ އެވެ. މީގެ ތެރޭގައި ހިމެނޭ ބައިނަލްއަގްވާމީ 30 އެތުލީޓުންނާއެކު، މުބާރާތުގައި ޖުމްލަ 733 މެޗު ވަނީ ކުޅެފަ އެވެ. މިއީ ޖޫނިއާ ފެންވަރުގައި ބެޑްމިންޓަން ކުޅިވަރަށް އޮތް މަގްބޫލުކަން އިތުރުވަމުން އަންނަކަން ހާމަކޮށްދޭ އަދަދުތަކެކެވެ.
މި އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 9، 11، 13، 15، 17 އަދި 19 އަހަރުން ދަށުގެ ޢުމުރުފުރާތަކަށް ބަހާލައިގެންނެވެ. މީގެއިތުރުން، ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ މުބާރާތުގައިވެސް ޕެރާ/ސްޕެޝަލް އޮލިމްޕިކްސް ކެޓަގަރީ ހިމެނިގެންދާނެ އެވެ.
ދިރާގަކީ، ރާއްޖޭގައި އެކި ކުޅިވަރުތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރާ ކަންކަމުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ، ދިވެހި މުޖުތަމައުއަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ލޯބިކުރާ ބަޔަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ.

