ރިސޯޓު ތަރައްގީކުރަން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން މަސައްކަތް ނުނިމި އަހަރުތަކެއް ވެފައިވާ ރަށްރަށާއި ފަޅުތަކަށް އަންނަ ހަފުތާގެ ތެރޭގައި ފިޔަވަޅު އަޅަން ފަށާނެކަން ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ހާމަކުރައްވައިފި އެވެ.
ރޭ ބޭއްވި "އަހާ ފޯރަމް" ގައި ވާހަކަދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ، ރަށްރަށާއި ފަޅުތައް ގިނަ ދުވަސްތަކެއް ވަންދެން އަމިއްލަ ފަރާތްތަކުގެ އަތްދަށުގައި ނުނިމި ހުރުމަކީ ރައްޔިތުންނާ ސީދާ ގުޅުންހުރި ކަމެއް ކަމަށެވެ. އަދި ނުނިމި ހުރި ތަންތަނުގެ އެއްބަސްވުންތައް އުވާލެވޭނެ (ޓާމިނޭޝަން) އުސޫލުތައް ހަތަރު ކެޓަގަރީއަކަށް ބަހާލައި ގަވާއިދު މިދިޔަ ސެޕްޓެމްބަރު މަހު ގެޒެޓުކޮށްފައިވާ ކަމަށް އަމީން ވިދާޅުވި އެވެ. އެގޮތުން ކުރިއަށް އޮތް ހަފުތާގައި އެ ގަވާއިދުގެ ދަށުން އަމަލީ ގޮތުން ފިޔަވަޅުތައް އަޅަން ފަށާނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
އެކި ސަރުކާރުތަކުން މިފަދަ އެއްބަސްވުންތަކާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 500 މިލިއަން ޑޮލަރަށްވުރެ އިތުރުވެފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި ރައްޔިތުންގެ މި ވަސީލަތްތަކުން ޓެކްސް އާއި ވަޒީފާގެ ފުރުސަތުތައް ލިބެންޖެހޭނެ ކަމަށާއި، ވަކި ބަޔަކު އަތްމަތީގައި މުއްދަތެއް ނެތް ގޮތަށް މި ތަންތަން ނުބެހެއްޓޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންގެ އެއްޗެހި މިއީ. ރަށްރަށާއި ފަޅުފަޅަކީ. މި ޓެކްސް ވެސް ލިބެން ޖެހޭނެ. ވަޒީފާގެ ފުރުސަތު ވެސް އޮންނަން ޖެހޭނެ. ވަކި ބަޔަކު އަތް މަތީގައި މިހާ ގިނަ ދުވަހު މި ތަންތަނެއް ނުބޭއްވޭނެ،" އަމީން ވިދާޅުވި އެވެ.
އާ ގަވާއިދުގެ ދަށުން ގްރޭސް ޕީރިއަޑް ހަމަވެ މުއްދަތު އިތުރުކޮށްފައި ނުވާ އަދި ކުލީގެ މުއްދަތުން 8 އަހަރު ނުވާ ތަންތަނަށް ފަހު ފުރުސަތެއް ދިނުމަށްފަހު، އެ މުއްދަތުގައި އޮޕަރޭޝަނަށް ނުގެނެސްފިނަމަ އެއްބަސްވުން ބާތިލުކުރެވޭނެ އެވެ. އަދި އިމާރާތްކުރުމުގެ މުއްދަތު އޮތް ނަމަވެސް މަސައްކަތް ނުހިނގާ ތަންތަނަށް ފިޔަވަޅު އެޅުމުގެ އިހުތިޔާރު މިނިސްޓްރީއަށް ލިބިގެންވާއިރު، 50 އިންސައްތައަށްވުރެ ބޮޑު ބަޔެއް ނިމިފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރުމާ މެދު ގޮތް ނިންމާނީ ވެސް މިނިސްޓްރީންނެވެ.

