ދިވެހިން އާންމުކޮށް ބޭސްފަރުވާއަށްދާ ގައުމުތަކަށް އެކަނި ބޭސްފަރުވާއަށްދޭ 1000 ޑޮލަރު ދޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށް އެމްއެމްއޭއިން ބުނެފި އެވެ.
މިގޮތަށް އަމިއްލަ ހަރަރުގައި ބޭސްފަރުވާއަށް ރާއްޖެއަށް ބޭރަށްދާ ދިވެހީންނަށްދޭ 1000 ޑޮލަރު ދޭނީ އިންޑިއާ، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ، ސިންގަޕޫރު، އަދި ޔޫއޭއީ އިންނެވެ.
މިގޮތަށް ހަމަޖެއްސީ ބޭސްފަރުވާގެ ބޭނުންތަކަށް ފޯރުކޮށްދޭ ބޭރު ފައިސާއަކީ ސީދާ އެ ބޭނުމަށް ޚަރަދުކުރެވޭ އަދަދުތަކެއްކަން ޔަގީންކުރުމަށްޓަކައި ކަމަށްވެސް އެމްއެމްއޭއިން ބުންޏެވެ.
މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ބޭސްފަރުވާގެ ބޭނުންތަކަށް 41.1 މިލިއަން އެމެރިކާ ޑޮލަރު ވިއްކާފައިވާއިރު، މިއީ 2025 ވަނަ އަހަރު މި މުއްދަތާ އަދަދާ ބަލާއިރު ތިން ގުނަ އިތުރު އަދަދެއް ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މި އަދަދުގެ ބޮޑު ބައެއް ހިއްސާކުރަނީ އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް ފޯރުކޮށްދީފައިވާ ބޭރުފައިސާ އެވެ.
2025 ވަނަ އަހަރު އޮގަސްޓް މަހުން ފެށިގެން، އަމިއްލަ ހަރަދުގައި ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހީންނަށް 1000 އެމެރިކާ ޑޮލަރު ވިއްކަން ފެށުމާއެކު، ބޭސްފަރުވާއަށް ވިއްކި ޖުމުލަ އަދަދު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފަ އެވެ. މިގޮތުން މިއަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އަމިއްލަ ޚަރަދުގައި ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާ ދިވެހީންނަށް 29.2 މިލިއަން އެމެރިކާ ޑޮލަރު ވަނީ ވިއްކާފަ އެވެ.
އަމިއްލަ ހަރަދުގައި ބޭސްފަރުވާއަށްދާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް ޑޮލަރު ދޫކުރަމުންދާނީ ބޭންކުތައް މެދުވެރިކޮށެވެ. އާސަންދަމެދުވެރިކޮށް ބޭސްފަރުވާއަށްދާ ފަރާތްތަކަށްދޭ 2000 ޑޮލަރު ކުރިއެކޭ އެއްގޮތަށް ލިބޭނެ އެވެ.

