ތެލުގެ އަގުތައް މައްޗަށް ދިއުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރިޒާވް ވަރުގަދަކޮށް އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށްގެންދިއުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެ އެވެ.
ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ބޮޑުވުމުން ސަރުކާރުން އެނާޖީ ސަބްސިޑީއަށް ކުރާ ހަރަދު މިއަހަރު ތިންގުނައަށް އިތުރުވެފައިވާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ކުރިން އަންދާޒާކުރި 7.1 އިންސައްތައިން 9 އިންސައްތައަށް މައްޗަށް ދާނެ ކަމަށް ބެލެވޭއިރު، 2026 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1 އިންސައްތައިގައި ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ހަމައެއާއެކު ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ގައުމީ އެއާލައިނަށް އިތުރު ބޯޓުފަހަރު ލީސްކުރުމާއި، އޮސްޓްރޭލިއާއަށް ކުރާ ދަތުރުތައް އިތުރުކުރުމުގެ އިތުރުން ބޭރުގެ ހަތް އެއާލައިނަކާއެކު މަޝްވަރާތައް ކުރަމުންދާކަން ޒަރީރު ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި މި ދަނޑިވަޅުގައި މޫޑީޒްއިން ރާއްޖޭގެ ސޮވެރިން ކްރެޑިޓް ރޭޓިން 'ސީއޭއޭ1' އަށް މަތިކޮށްފައިވީ ނަމަވެސް، އޭޑީބީން ވަނީ ދަރަނި ބޮޑުވުމާއި ސަބްސިޑީ އިސްލާހުކުރުން ލަސްވުމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ހަރަދު ކުޑަކުރުމަށް ކުރިން ނިންމި ބައެއް ފިޔަވަޅުތައް، އޭގެ ތެރޭގައި ސަބްސިޑީ އުސޫލަށް ބަދަލުގެނެވުން ފަދަ ކަންކަން ރައްޔިތުންނަށް ދެމުންދާ އިނާޔަތްތައް އުނިނުކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މަޑުޖައްސަވާލެއްވުމުން އިގުތިސާދީ މާހިރުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

