ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އެހީތެރިވުމުގެ ގޮތުން އަވައްޓެރި އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފައިވާ 320 މިލިއަން އެމެރިކާ ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ މުއްދަތު އިތުރުކޮށްދިނުމަށް (ރޯލްއޯވާ ކުރުމަށް) ދިވެހި ސަރުކާރުން ރަސްމީކޮށް އެދިއްޖެ އެވެ.

މި އެއްބަސްވުމުގެ މުއްދަތު ކުރިއަށް އޮތް ދިހަވަރަކަށް ދުވަހުގެ ތެރޭގައި ހަމަވާތީ، އުސޫލުގެ މަތިން އެ ފައިސާ މި މުއްދަތުގައި އަނބުރާ ދައްކަންޖެހެ އެވެ. ނަމަވެސް ރާއްޖޭގެ އިގްތިސާދީ ދުޅަހެޔޮކަން ދެމެހެއްޓުމަށާއި ބޭރު ފައިސާގެ ރިޒާވް ހިފެހެއްޓުމަށްޓަކައި، މި މުއްދަތު އިތުރުކޮށްދިނުމަށް ދިވެހި ސަރުކާރުން އެދުމާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ވަނީ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފަ އެވެ. މިކަމާ ގުޅޭގޮތުން އިންޑިއާއިން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވި ނަމަވެސް، އިތުރު ތިން މަސް ދުވަހަށް މި ސްވަޕްގެ މުއްދަތު ރޯލްއޯވާ ކޮށްދިނުމަށް އެ ގައުމުން ނިންމާފައިވާކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.

ރާއްޖެއަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން 30 ބިލިއަން އިންޑިއަން ރުޕީސް ނުވަތަ 320 މިލިއަން ޑޮލަރުގެ މި ކަރަންސީ ސްވަޕް ދޫކުރުމަށް އިންޑިއާ ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައިވަނީ މިއަހަރުގެ އެޕްރީލް މަހުގެ 23 ގައެވެ. އިންޑިއާއިން ޑޮލަރުން މި އެހީ ފޯރުކޮށްދީފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ހާއްސަ އަދި ގާތް ގުޅުމުގެ ތެރެއިން، ސާކް ގައުމުތަކަށް ހާއްސަކޮށްގެން ހަމަޖައްސާފައިވާ ކަރަންސީ ސްވަޕް އިންތިޒާމުގެ ފުރަތަމަ ފިޔަވަހީގެ ދަށުންނެވެ.

މި ފެސިލިޓީއަކީ ރައީސް މުހައްމަދު މުއިއްޒު 2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އާއި ދިވެހި ސަރުކާރާ ދެމެދު ސޮއިކުރެވުނު މުހިންމު އެއްބަސްވުމުގެ ދަށުން ލިބުނު ފުރުސަތެކެވެ.

ސަރުކާރުން ވަނީ މިދިޔަ މަހުގެ ތެރޭގައި ވެސް އިންޑިއާއަށް އަނބުރާ ދައްކަންޖެހޭ 50 މިލިއަން ޑޮލަރުގެ ލޯނެއް ކަނޑައެޅިފައިވާ މުއްދަތުގައި ދައްކައި ހަލާސްކޮށްފަ އެވެ.