ދައުލަތަށް ލިބުނު އާމްދަނީއަށްވުރެ ކުރި ހަރަދުތައް ބޮޑުތަނުން އިތުރުވެ، މިއަހަރުގެ މިހާތަނަށް ދައުލަތުގެ މާލީ ހިސާބުތަކުން 4.418 ބިލިއަން ރުފިޔާގެ ބޮޑު ޑެފިސިޓެއް ރެކޯޑްކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 31.566 ބިލިއަން ރުފިޔާ ލިބުނުއިރު، ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 35.984 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ހަރަދުގެ މިންވަރު 18.3 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ހަރަދުތައް މައްޗަށް ދިޔަ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ރިކަރަންޓް ހަރަދުތައް ބޮޑުވުން ހިމެނެ އެވެ. އެގޮތުން ސަބްސިޑީއަށް ކުރި ހޭދަ 71.8 އިންސައްތަ އިތުރުވެ 4.265 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދައަށް ކުރި ހަރަދު ވަނީ 23.6 އިންސައްތަ އިތުރުވެ 1.910 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މީގެއިތުރުން، މުސާރައާއި އުޖޫރައަށް ކުރި ހޭދަ 14.1 އިންސައްތަ އިތުރުވެ 5.556 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ.

އާމްދަނީގެ ގޮތުގައި ލިބުނު އަދަދު މިދިޔަ އަހަރަށްވުރެ 3.0 އިންސައްތަ އިތުރުވެ، އިމްޕޯޓް ޑިއުޓީއާއި ޖީޖީއެސްޓީން ލިބުނު ފައިސާ އިތުރުވި ނަމަވެސް، ސަބްސިޑީއާއި އިދާރީ ހަރަދުތައް އިންތިހާއަށް މައްޗަށް ދިއުމުގެ ސަބަބުން ދައުލަތުގެ މާލީ ނިޒާމަށް ވަނީ ބޮޑު ގޮންޖެހުމެއް ކުރިމަތިވެފަ އެވެ.