ދިރާގުގެ 32 ވަނަ އަހަރީ އާންމު ޖަލްސާ މިއަދު ބާއްވައިފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން ބޭއްވި އެ ޖަލްސާއަށް ފަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ޙިއްސާދާރުން، މުވައްޒަފުން އަދި މުޖުތަމަޢުގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަކީ ބޯޑުން މިވަގުތު އެންމެ އަހައްމިއްޔަތުކަން ދޭ އެއްކަމަށް ވާތީ މިދިޔަ އަހަރެކޭ ވެސް އެއްފަދައިން މި އަހަރުގެ އަހަރީ ޢާންމު ޖަލްސާ ވެސް ބޭއްވީ މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ "ފަހިވޯޓު" މެދުވެރިކޮށް އޮންލައިންކޮށް ކަމަށެވެ.
އެ ކުންފުނިން ބުނީ މިއަދު ބޭއްވި އެ ޖަލްސާގައި 46 ހިއްސާދާރުންނާއެކު 717,373,704 ހިއްސާ ތަމްސީލުކޮށް، ހުށަހަޅާފައިވާ ރިޒޮލިއުޝަންތައް ފުރިހަމަ އަޣުލަބިއްޔަތުން ފާސްވި ކަމަށެވެ.
"ކޮވިޑް19ގެ ސަބަބުން އަޅުގަނޑުމެން އެންމެންގެ ދިރިއުޅުމަށާއި ދިރިއުޅުމަށް ކުރާ މަސައްކަތްތަކަށް ވަނީ އެތަކެއް ލޮޅުމެއް އަރާފައި އެވެ. މުޅި ދުނިޔެ މި ބަލިމަޑުކަމުން އަރައިގަތުމަށް މަސައްކަތްކުރަމުންދާ މި ދަނޑިވަޅުގައި އަޅުގަނޑުމެންގެ ޚިދުމަތްތަކުން ވަނީ އައު އާންމު ހާލަތަކަށް ނުވަތަ "ނިއު ނޯމަލް" އަކަށް ވާސިލުވުމަށް އެހީވެދީފައި އެވެ. އަދި މި ޚިދުމަތްތަކުގެ ސަބަބުން އަޅުގަނޑުމެން މަސައްކަތްކުރާ ގޮތާއި، އުނގެނުމާއި، ވިޔަފާރި ކުރާގޮތާއި އެކަކު އަނެކަކާ މުޢާމަލާތުކުރާ ގޮތަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައި އެވެ." ދިރާގުން ބުންޏެވެ.
އެ ކުންފުނިން ބުނީ ދިރާގުގެ ނެޓްވޯކާއި، ފޯރުކޮށްދޭ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުޅާކޮށް، އެ ކުންފުނީގެ ޚިދުމަތްތަކުން ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފާގަތިކަން ގެނެސްދިނުމަށްކުރާ ތަޞައްވަރު ކާމިޔާބުކުރުމަށްޓަކައި ކޮށްފައިވާ ބޮޑެތި އިންވެސްޓްމަންޓްމެންޓްތަކުގެ ނަތީޖާއަކަށްވީ ކޮވިޑް19ގެ ސަބަބުން ކުންފުންޏަށާއި، މުޖުތަމައަށާއި ވިޔަފާރިތަކަށް ދިމާވި ގޮންޖެހުންތަކާ ކުރިމަތިލައި، މި ގޮންޖެހުންތަކުން އަރައިގަންނަން ލިބިދިން އެހީއަކާއި ބާރަކަށް ކަމަށެވެ.
"ކޮވިޑް19 ގެ ބަލިމަޑުކަމުގެ އެންމެ ނުރައްކާތެރި ދަނޑިވަޅުގައި ވެސް އަޅުގަނޑުމެން އެންމެ އިސްކަމެއް ދީފައިވަނީ އަޅުގަނޑުމެންގެ މުވައްޒަފުންގެ ސިއްޙަތާއި ރައްކާތެރިކަމަށާއި ވިޔަފާރި ދެމެހެއްޓުމާއި އަދި އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކާއި ގުޅުންތަކަށް އެއްވެސް ޚިދުމަތެއް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމަށެވެ." އެ ކުންފުނިން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވެ އެވެ.
ދިރާގުން ބުނީ މުޅި ދުނިޔެއަށް ކުރިމަތިވި މި ބަލިމަޑުކަމުގެ ސަބަބުން 2020 ވަނަ އަހަރު ކުންފުނީގެ މާލީ ހާލަތަށް ބޮޑެތި އަސަރުތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން 2020 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީ 2019 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރުގެ ޖުމްލަ އާމްދަނީވަނީ 13.1 ޕަސެންޓް ދަށްވި ކަމަށެވެ. އަދި ކުންފުނީގެ މުހިންމު ހުރިހާ ވިޔަފާރިއަކުން ވެސް ލިބުނު އާމްދަނީ ދަށަށް ދިޔައިރު، އެންމެ ބޮޑަށް އާމްދަނީއަށް އަސަރުކޮށްފައި ވަނީ ދުނިޔޭގެ ބޯޑަރުތައް ބަންދުކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިސްފައިވާ ހީނަރުކަމުގެ ސަބަބުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މިދިޔަ އަހަރު ޓެކްސް އުނިކުރުމަށްފަހު ޖެހޭ ސާފު ފައިދާގެ ގޮތުގައި 732 މިލިއަން ރުފިޔާ ލިބިފައިވީއިރު، މިއީ 2019 ވަނަ އަހަރާ އަޅާކިޔާއިރު 22.2 ޕަސެންޓް ދަށް އަދަދެއް ކަމަށް ދިރާގުން ބުންޏެވެ.
ކުންފުނީގެ މާލީ ޙާލަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިޢާޔަތްކުރުމާއެކީގައި، ޑިޓެކްޓަރުންގެ ބޯޑުން ހުށަހަޅައި މުޅި އަހަރުގެ ޑިވިޑެންޑްގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ޑިވިޑެންޑްގެ ގޮތުގައި ބެހުމަށް ވަނީ ނިންމާފަ އެވެ. މުޅި އަހަރުގެ ޑިވިޑެންޑް ބިނާވެގެންވަނީ 32 ވަނަ އޭޖީއެމްއަށް ބޯޑުން ހުށަހަޅާފައިވާ ފައިދާއިން ހިއްސާއަކަށް 5.16 ރުފިޔާގެ ފައިނަލް ޑިވިޑެންޑްއާއި 2020 ވަނަ އަހަރުގެ ކުރީކޮޅު އިޢުލާން ކޮށްފައިވައި ހިއްސާއަކަށް 2.07 ރުފިޔާގެ އިންޓެރިމް ޑިވިޑެންޑް ހިމެނޭ ގޮތަށެވެ. މިދިޔަ އަހަރުގެ ޑިވިޑެންޓްއަކީ 2019 ވަނަ އަހަރާއި އަޅާކިޔާއިރު ހިއްސާއަކަށް 4.77 ރުފިޔާ (39.8ޕަސެންޓް) މަދު އަދަދެކެވެ.
ސުރުޚީގައިވެސް ހުސްދޮގު.
ސުރުޚީގައި ފައިދާވި 732 މިލިއަން ރުފިޔާ ނުލިޔުނީ ޕީ.އާރ. ސްޓަންޓެއްގެ ދަށުން. މީ މިސްލީޑިންގ ހެޑިންގެއް. 22.2 ޕަސެންޓް ދަށަށް ދިޔައީ ކޯއްޗެއްކަމަށް ނުބުނެ މިފަދަ ހެޑިންގ ތައް ޖެހުމަކީ އޮޅުވާލުމުން ކަމަށް ބެލެވޭނެ. އަމުދުން މިފަދަ ދަނޑިވަޅެއްގައި މި ފަދަ ބޮޑު ފައިދާ އެއް މިފަދަ ކުޑަ އިގްތިސޯދުކަން ވުމުން އެކަން ފާހަގަކުރުމަކީ ރެސްޕޮންސިބަލް ކުންފުނި ތަކުން ކަންތައް ކުރާ ގޮްތް.