ދުނިޔޭގެ ބާޒާރުގައި ގޭހުގެ އަގު އުފުލި، ރާއްޖެއަށް ގޭސް އެތެރެކުރުމުގައި ދަތިތަކެއް ދިމާވުމާ ގުޅިގެން މޯލްޑިވް ގޭހުން ފުޅިތަކަށް ގޭސް އަޅައިދޭ މިންވަރު ވަގުތީ ގޮތުން މަދުކުރަން ނިންމައިފި އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ގޭހުގެ ވިޔަފާރި ކުރާ ކުންފުނިން ބުނި ގޮތުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ގެންނަ މި ބަދަލަކީ ގޭސް ވިއްކާ އަދަދު ވަގުތީ ގޮތުން ކޮންޓްރޯލް ކުރުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.
މި ބަދަލުގެ ދަށުން 10 ކިލޯގެ ފުޅިއަކަށް ދެން އަޅައިދޭނީ 7 ކިލޯގެ ގޭހެވެ. އަދި 22 ކިލޯގެ ފުޅިއަކަށް 14 ކިލޯގެ ގޭސް އަދި 45 ކިލޯގެ ފުޅިއަކަށް އަޅައިދޭނީ 31 ކިލޯގެ ގޭހެވެ.
މި ބަދަލާ ގުޅިގެން ގޭހުގެ އަގު ބޮޑުނުވާނެ ކަމަށް މޯލްޑިވް ގޭހުން ބުންޏެވެ. އަދި ފައިސާ ނަގަމުންދާނީ ފުޅިއަށް އަޅާ ގޭހުގެ ބަރުދަނަށް ބަލައިގެން މިހާރު ވެސް ކަނޑައަޅާފައިވާ ރޭޓުން ކަމަށް އެ ކުންފުނިން ބުންޏެވެ.
މޯލްޑިވް ގޭހުން ބުނި ގޮތުގައި ރާއްޖޭގައި ގޭސް ރައްކާކުރާ މިންވަރު އިތުރު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ވެސް ދަނީ ކުރަމުންނެވެ. އަދި އެ މަޝްރޫއު ނިމުމުން 3 މަސް ދުވަހުގެ ގޭސް އެއްފަހަރާ ރައްކާ ކުރެވި، ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖޭގައި ގޭހުގެ ވިޔަފާރިކުރަނީ އެސްޓީއޯގެ ބޮޑު ހިއްސާއެއް އޮންނަ މޯލްޑިވް ގޭހުގެ އިތުރުން ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ވިލާ ގޭހުންނެވެ.

