ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ އާ ޓާމިނަލްގައި 35 "އީ-ގޭޓް" ހަރުކޮށް، ފަތުރުވެރިންނަށް ވެސް އިމިގްރޭޝަން ކްލިއަރެންސްގެ ހިދުމަތް ދޭން މިއަދު ފަށައިފި އެވެ.
މީގެ ކުރިން އީ-ގޭޓް މެދުވެރިކޮށް ހިދުމަތް ދެމުން އައީ ހަމައެކަނި ދިވެހިންނަށެވެ.
ވީއައިއޭގެ އާ ޓާމިނަލްގައި ހަރުކުރި ގޭޓްތަކުގެ ތެރެއިން 20 ގޭޓް ހާއްސަކޮށްފައިވަނީ އެރައިވަލް އަށެވެ. އަދި ބާކީ 15 ގޭޓް ހަރުކޮށްފައިވަނީ ޑިޕާޗާގަ އެވެ. މި ހިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު ފަސީހު ވިދާޅުވީ، އީ-ގޭޓަކީ ތަރައްގީވެފައިވާ ގައުމުތަކުގައި ބޭނުންކުރާ ޒަމާނީ ހިދުމަތެއް ކަމަށާއި މީގެ ސަބަބުން އިމިގްރޭޝަން އޮފިޝަލުންނާއި ފަސިންޖަރުންގެ ދެމެދުގައި އޮންނަ މުއާމަލާތްތައް ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ.
މި އީ-ގޭޓްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ފަސީހު ވިދާޅުވީ، އީ-ގޭޓް މެދުވެރިކޮށް އެތެރެވާ ފަރާތްތަކުން ފުރާއިރު ޕާސްޕޯޓް ޖައްސަން ވެސް ނުޖެހޭނެ ކަމަށާއި އެ ހުރިހާ ކަމެއް ދާނީ ވަރަށް ސީމްލެސްކޮށް ކަމަށެވެ. އަދި މިއީ ރާއްޖެ ފަދަ ކުޑަ ގައުމަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވައި، އީ-ގޭޓް ބޭނުންކުރި ނަމަވެސް އެއްވެސް ވަރަކަށް ސެކިއުރިޓީ ބްރީޗް ނުވާނެ ކަމަށާއި މި ނިޒާމު ގާއިމުކޮށްފައިވަނީ ދުނިޔޭގެ އެންމެ މަތީ މިންގަނޑުތަކަށް ބަލައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަދައްކަވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވީ، އީ-ގޭޓްގެ ސަބަބުން އިމިގްރޭޝަން ކްލިއަރެންސަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ސަލާމަތްވެގެންދާނެ ކަމަށެވެ. އެގޮތުން ކުރިން ކައުންޓަރުތަކުން 30 ސިކުންތާއި 50 ސިކުންތާ ދެމެދުގެ ވަގުތެއް ހޭދަވި ނަމަވެސް، އީ-ގޭޓުން 5 ސިކުންތާއި 10 ސިކުންތާ ދެމެދު އެ މަރުހަލާ ނިމިގެންދާނެ އެވެ.
އިމިގްރޭޝަނުން މައުލޫމާތު ދޭ ގޮތުގައި މި ހިދުމަތް ފުރަތަމަ ފަށާއިރު ލިބިގެންދާނީ ކަނޑައެޅިފައިވާ 46 ގައުމެއްގެ ޕާސްޕޯޓް ގެންގުޅޭ ފަރާތްތަކަށާއި، މި ނިޒާމުގައި ބައިވެރިވެފައިވާ 31 އެއާލައިނެއްގެ ފަސިންޖަރުންނަށެވެ. މި އީ-ގޭޓްތަކުގައި ބޭނުންކުރަނީ މޫނާއި ލޮލުގެ ކަޅީގެ ސިފަތައް ދެނެގަނެވޭ އެންމެ ފަހުގެ ބަޔޯމެޓްރިކް ވެރިފިކޭޝަން ޓެކްނޮލޮޖީއެވެ. އެހެންކަމުން ފަސިންޖަރުގެ ސިފަތަކާއި އިލެކްޓްރޯނިކް ޕާސްޕޯޓުގައި ހުންނަ މައުލޫމާތު އަޅާކިޔައި ކަށަވަރުކުރެވޭނެ އެވެ.

