ދިރާގުގެ އިޖުތިމާއީ ޒިންމާ (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ) ގެ ދަށުން މުޖުތަމައަށް ފައިދާކުރަނިވި ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް އެމް.ވީ ޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސް 2026 ގައި 'ކޯޕަރޭޓް ޗޭންޖްމޭކަރސް' އެވޯޑް ދިރާގަށް ލިބިއްޖެ އެވެ.
އެމްވީޕްލަސް ކޮމިއުނިޓީ އިމްޕެކްޓް އެވޯޑްސްގެ "ކޯޕަރޭޓް ޗޭންޖްމޭކާސް" އެވޯޑަކީ، ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ އަށް މުހިންމު އަހައްމިއްޔަތުކަމެއްދީ، މުޖުތަމައުތަކަށް ފައިދާހުރި ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާ ކުންފުނިތަކުގެ އަގުވަޒަންކުރުމަށް ދެވޭ އެވޯޑެކެވެ.
މި އަހަރު މި އެވޯޑް ދިނުމުގައި ގައިންގަޔަށް ނާރާ ބަލިތަކާމެދު ހޭލުންތެރިކަން އިތުރުކުރުމުގެ މައްޗަށް ވަނީ ހާއްސަ އަހައްމިއްޔަތުކަމެއް ދީފަ އެވެ. މި ގޮތުން، ދިރާގުގެ އަގު ވަޒަންކޮށް މި އެވޯޑް ލިބިފައިވަނީ ކެންސާ ސޮސައިޓީއޮފް މޯލްޑިވްސް، ޓައިނީ ހާޓްސް އޮފް މޯލްޑިވްސް އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް ފަދަ މިދާއިރާގައި މަސައްކަތް ކުރާ މަދަނީ ޖަމިއްޔާތަކަށް ދިރާގުން މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމުގެ އިތުރުން، ފުޅާ ދާއިރާއެއްގައި ޝާމިލު މުޖުތަމައުއެއް ބިނާކުރުމަށާއި ތިމާވެށި ހިމާއަތްކޮށް ރައްކާތެރިކުރުމަށް ދިރާގުން ކުރަމުންދާ މަސައްކަތްތަކަށެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާ ޕްރޮގްރާމްތަކުގައި ޑިޖިޓަލް އިންކްލޫޝަން، އަންހެނުން އަދި ޒުވާނުން ބާރުވެރިކުރުވުމުގެ އިތުރުން ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ތިމާވެށި ހިމާޔަތްކުރުމަށް ހާއްސަ އަހައްމިއްޔަތުކެމެއް ދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
މުޖުތަމައުއަށް މުހިންމު މިފަދަ ކަންކަމުގައި ވިޔަފާރިތަކުން އިސްނަގައިގެން އެހީތެރިވެދެވިދާނެ ގޮތްތައް ދައްކުވައިދީ، ޝާމިލު މުޖުތަމަޢުއެއް އޮތް ދެމެހެއްޓެނިވި ދިވެހިރާއްޖެއެއް ބިނާކުރުމުގައި ދިރާގުން ދަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.

