ކޮވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް އަލުން ހުޅުވީ ޓޫރިސްޓް ސްޓޭ އިތުރު ކުރުމަށްފަހު އެވެ. އެ ނިންމުމުގެ ސަބަބުން ރާއްޖެ އައި ޓޫރިސްޓުން ހޭދަކުރި މުއްދަތު އިތުރުވެ، ބެޑް ނައިޓަށް އައި ކުރިއެރުމާއެކު ޓޫރިޒަމަށް 613 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ނުވަ ބިލިއަން ރުފިޔާ) ގެ އާމްދަނީއެއް ލިބިއްޖެ އެވެ.
އެމްއެމްއޭން ނެރުނު އަހަރުގެ ފުރަތަމަ ކްއާޓާގެ ކުއާޓަރީ ބްލެޓިންގައިވާ ގޮތުން ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވުމުން ޓޫރިޒަމް ސިނާއަތަށް ލިބޭ އާމްދަނީ ވަނީ އިތުރުވެފަ އެވެ. ކުރިން އެވްރެޖުކޮށް 7.6 ދުވަހު ރާއްޖޭގައި ޓޫރިސްޓުން ތިބި ނަމަވެސް މިހާރު 8.9 ދުވަހަށް ވަނީ އިތުރުވެފަ އެވެ.
ޓޫރިސްޓް ސްޓޭ އިތުރުކުރުމުން އާމްދަނީ އެންމެ ބޮަޑަށް އިތުރު ވެފައިވަނީ ހައިއެންޑް ރިސޯޓުތަކަށެވެ. އެ އިތުރުވުމާއެކު ޓޫރިޒަމް އާމްދަނީއަށް ފަސް ޕަސެންޓް އިތުރުވެ، 28 މިލިއަން ޑޮލަރު (432 މިލިއަން ރުފިޔާ) ގެ އިތުރުވުމެއް ފާހަގަކުރެވެން ހުރި އެވެ.
މައި އިގްތިސޯދުން ލިބޭ އާއްމުދަނީ އިތުރުވުމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެފައި ވަނީ، މި އަހަރު ޓެކުހުގެ ގޮތުގައި ލިބެމުން އަންނަ އާމްދަނީ އުންމީދު ކުރި ވަރަށްވުރެ އިތުރުވަމުން ދާކަން ފާހަގަ ކުރެވެ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ރަނގަޅުވުން ކަމަށެވެ.
"ޓެކުހުގެ އާމްދަނީ އިތުރުވަމުގެ މައިގަނޑު ސަބަބަކީ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވުން. ދެހާސް ނަވާރަ ވަނަ އަހަރު އެވްރެޖުކޮށް ހަ ދުވަސް ސްޓޭ ކުރި ނަމަވެސް މި އަހަރުގެ އެވްރެޖު ސްޓޭ އުޅެނީ 8.9 ދުވަހުގައި،" އަމީރު ވިދާޅުވެފައިވެ އެވެ.
މިއަހަރުގެ ނިމިދިޔަ ތިން މަސް ދުވަހަށް ބަލާނަމަ ރާއްޖޭގެ "ޓްރެޑިޝަނަލް މާކެޓު" ތައް ވަނީ "ގެއްލިފަ" އެވެ. އެ ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށްފައި އޮތުމުން ރާއްޖެ އައި ޓޫރިސްޓުންގެ 65 ޕަސެންޓް ހިއްސާ ކުރަމުންދަނީ މެދުތެރޭ ޔޫރަޕުން ނުވަތަ ރަޝިއަން ރީޖަންގެ ގައުމުތަކުން އަންނަ ޓޫރިސްޓުންނެވެ.