ރާއްޖޭގައި ހިންގަމާ އިންޝުއަރެންސް ކުންފުނިތަކުގެ ޖުމްލަ އެސެޓަށް 36 ޕަސެންޓް އިތުރުވުމެއް އަތުވެއްޖެ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ނެރުނު އިންޝުއަރެންސް ރިޕޯޓް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓާގައި ރާއްޖޭގެ އިންޝުއަރެންސް ކުންފުނިތަކުގެ ޖުމްލަ އެސެޓް 36 ޕަސެންޓް އިތުރު ވެފައިވާއިރު ދެ ބިލިއަން ރުފިޔާގެ ކުރިއެރުމެއް ލިބި، ޖުމްލަ އިކުއިޓީ ވެސް ވަނީ ނުވަ ޕަސެންޓުގެ އިތުުރުވުމެއް ވަނީ އައިސްފަ އެވެ.
ޕްރިމިއަމްއަށް 234 މިލިއަން ރުފިޔާމި ކުރިއެރުމާއެކު މި އަހަރުގެ ފުރަތަމަ ތިންމަހު އިންޝުއަރެންސް ކުންފުނިތަކަށް އިންޝުރެންސް ނަގަން ދައްކަން ޖެހޭ، ގްރޮސް ރިޓަން ޕްރިމިއަމް (ޖީޑަބްލިއުޕީ) ގޮތުގައި ވަނީ 323.9 މިލިއަން ރުފިޔާ ދައްކާފަ އެވެ. މިއީ މިދިޔަ އަހަރުގެ ފަހު ތިން މަސް ދުވަހާ އަޅާ ބަލާއިރު 49 ޕަސެންޓުގެ އިތުރު ވުމެކެވެ. ނަމަވެސް މިއީ މިދިޔަ އަހަރުގެ ފުރަތަމަ ތިން މަހާ އަޅާ ކިޔާނަމަ 9.8 މިލިއަން ނުވަތަ ތިން ޕަސެންޓުގެ އިތުރު ވުމެކެވެ. މި މުއްދަތުގައި އެންމެ މަތިން ޕްރިމިއަމް ދެއްކީ އަލިފާނާއި ހެލްތު އަދި މެރިން ހަލް އިންޝުއަރެންސް އަށެވެ. އެއީ މުޅި ދާއިރާގެ ޕްރިމިއަމްގެ 68 ޕަސެންޓެވެ.
ބަދަލު ދިން އަދަދު އިތުރުވި އިންޝުއެންސް ސިނާއަތަށް ކުރިއެރުން ލިބެމުން ދިއުމާއެކު ބަދަލުގެ ގޮތުގައި އިންޝުއަރެންސް ކުންފުނިތަކުން ދެއްކި އަދަދު ވެސް ވަނީ މަތިވެފަ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު 65.8 މިލިއަން ރުފިޔާ ބަދަލަށް ދީފައިވާއިރު، މިދިޔަ އަހަރު މި އަދަދު އުޅެނީ 75.5 މިލިއަން ރުފިޔާގަ އެވެ. ބަދަލުގެ ގޮތުގައި ދިން އަދަދު އެންމެ މަތީ މައިގަނޑު ގޮތެއްގައި އަލިފާނުގެ ހާދިސާތަކާއި ކަނޑުއުޅަނދު ފަހަރަށް ދިމާވާ ހާދިސާ ތަކަށް ބަދަލު ދޭ މެރިން ހަލް އިންޝުއަރެންސަށެވެ.
އިންޝުއަރެންސް ކުންފުނިތަކުން ވިޔަފާރި ރަނގަޅުވާން ފަށާފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އިކޮނޮމިކް ހަރަކާތްތައް އެއްކޮށް ހުއްޓުމަށް ފަހު ހިނގައިގަތުމާ ގުޅިގެންކަމަށް ބެލެވެ އެވެ،
ދިވެހި އިންޝުއަރެންސް ދާއިރާއަށް ލިބެމުންދާ ކުރިއެރުންތަކާއެކު މި މުއްދަތުގައި މި ސިނާއަތުގެ އިންވެސްޓްމަންޓް ވެސް ވަނީ 28 ޕަސެންޓް އިތުރުވެ، 558.8 މިލިއަން ރުފިޔާ އަށް އަރާފަ އެވެ. ނަމަވެސް ނިމިދިޔަ ތިން މަހު ބަދަލު ދިނުން އިތުރު ވުމާއެކު ފައިދާވަނީ 29 ޕަސެންޓް ވަނީ ދަށްވެފަ އެވެ.