ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ހެދިކާ ވިއްކާ ސްޓޯލްތައް ތަރައްގީކުރުމަށް ނިންމައިފި އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހެދިކާ ވިއްކަން ހުޅުމާލެ ނެއިބަހުޑް 1، 2 އަދި 3 ގައި ޓެންޓުތަކެއް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން މިޓެންޓްތައް ބަހަލައްޓައި، މަރާމާތުކޮށް، ހިދުމަތް ދިނުމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހިދުމަތް ހޯދުމަށް ފަސޭހައަކަށް ހެދިކާ ޓެންޓުތައް ބަހައްޓާނެ ރޫފް ޝެލްޓާތައް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީން ބުނެ އެވެ.
އެޗްޑީސީން ބުނީ ޓެންޓުތައް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ ގޮތުން އާންމުންގެ ހިޔާލު ހޯދާފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޕްރޮޖެކްޓް ޕްލޭނިންގެ މަސައްކަތް ކަމަށެވެ. އަދި ހެދިކާ ވިއްކުމުގެ އިތުރުން އެ ތަންތަނުގައި އޯޕަން އޭރިއާ އާއި ކުޑަކުދިން ކުޅޭ ސަރަހައްދުގެ އިތުރުން ޑަސްބިނާއި ބެންޗް ވެސް ބަހައްޓާނެ ކަމަށް ބުންޏެވެ.
ހެދިކާ ޓެންޓް މަޝްރޫއު ނިމުމުން ހުޅުމާލޭގައި ހެދިކާ ވިއްކުމަށް ރަޖިސްޓްރީކުރާ މީހުންނަށް ހެދިކާ ވިއްކުމުގެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
ހުޅުމާލޭގައި ހެދިކާ ވިއްކާ މީހުންނަށް ހާއްސަކޮށްގެން މިހާރު ވެސް ޓެންޓްތަކެއް ހަދާފައިވެ އެވެ.
އެ ޓެންޓްތަކުގައި މިހާރު ވެސް ހުޅުމާލޭގައި ހެދިކާ ވިއްކުމުގެ މަސައްކަތް ގިނަ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.