ހިޔާ ފްލެޓާއި ސަރުކާރުގެ މަޝްރޫއުތަކުން ފްލެޓް ލިބިފައިވާ ފަރާތްތަކަށް ޚާއްސަކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ޚާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮންސްޓްރަކްޝަން ސާމާނާއި އިލެކްޓްރޯނިކް ސާމާނު ވިއްކާ ކުންފުނިން މިއަދު ފެށި މި ޕްރޮމޯޝަންގެ ދަށުން ތަފާތު ތިން ޕެކޭޖެއްގެ ތެރެއިން ތަކެތި ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ދޭން ވަނީ ނިންމައިފަ އެވެ.

އެސްޓީއޯ އިން ވަނީ 15 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭ މި ޕެކޭޖްތަކަށް އެ ކުންފުނިން ނަން ދީފައި ވަނީ ރިހި، ރަން، އަދި ހުދު ރަނެވެ.

އެ ކުންފުނިން ބުނިގޮތުގައި މި ޕްރޮމޯޝަން ނިމުމުން ބައިވެރިންގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ވެސް ފައިސާގެ އިނާމާއި ތަކެތީގެ އިނާމު ކަނޑައެޅިފައިވެ އެވެ.

އެގޮތުން އެއްވަނައަށް ހޮވޭ ފަރާތަކަށް 20،000 ރުފިޔާ، އަދި ދެވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމު ދެވޭއިރު ތިންވަނައަށް ހޮވޭ ފަރާތަށް ކަނޑައަޅާފައިވަނީ 5،000 ރުފިޔާގެ ވައުޗާއެކެވެ. މި ވައުޗަރުގެ ބޭނުންކޮށްގެން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން ތަކެތި ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.

"މި ޕްރޮމޯޝަންގަ ބައިވެރިވެވޭނެ މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއެފްއެލްސީ، އަދި ބީއެމްއެލް އިސްލާމިކް މެދުވެރިކޮށް ތަކެތި ނަންގަވާ ފަރާތްތަކަށް ވެސް،" އެސްޓީއޯ އިން ބުނެފައިވެ އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ދަށުން ގަންނަ ތަކެތި ގެންގޮސްދޭން ވެސް އެ ކުންފުނިން ވަނީ ނިންމާފަ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ފްލެޓް ލިބިފައިވާކަމުގެ ލިޔުން އަދި ފްލެޓް ލިބުނު ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަންޖެހެ އެވެ.