ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދާފައިވާ "ހިޔާ" ފްލެޓުތަކަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 17 ޓްރާންސްފޯމަރަކަށް ސްޓެލްކޯއިން އިއްޔެ ކަރަންޓު ގުޅައިދީފި އެވެ.

ގްރޭޓާ މާލެ ސަރަޙައްދުގައި ކަރަންޓުގެ ޚިދުމަތްދޭ ސަރުކާރުގެ ކުންފުނި، ސްޓެލްކޯއިން ޓްރާންސްފޯމަރުތަކަށް ކަރަންޓު ދޫކުރި ނަމަވެސް ޓަވަރުތަކަށް ކަރަންޓު ދިނުމަށް އިތުރަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް އެބަހުރި ކަމަށް އެ ކުންފުނިން ބުންޏެވެ.

ހިޔާ ފްލެޓުތައް އޭގެ ވެރިފަރާތާ އެޗްޑީސީން އަންނަ ބުދަދުވަހު ހަވާލުކުރަން ފަށާއިރު އެތަނުގައި ކަރަންޓެއް ނެތެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ ޓްރާންސްފޯމަރުތަކުން ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޗައިނާ ކުންފުންޏަކާ އެވެ. އެގޮތުން ހިޔާގެ 16 ޓަވަރަށް އަދި އިތުރު ބޭނުންތަކަށް ގާއިމުކުރި އެއް ޓްރާންސްފޯމަރާއެކު ޖުމްލަ 17 ޓްރާންސްފޯމަރު ހިޔާ ފްލެޓުތަކަށް ކަރަންޓު ދޭން ސްޓެލްކޯއިން ވަނީ ބަހައްޓައިފަ އެވެ.

އޭގެ ދަށުން ޖުމްލަ 188 ކޭބަލް އަޅާފައިވާއިރު ސްޓެލްކޯއިން ވަނީ މިހާރު މިޓްރާންސްފޯމަރުތަކަށް މިކޭބަލްތައް މެދުވެރިކޮށް ކަރަންޓު ގުޅާދީފަ އެވެ.

އެ ފްލެޓުތައް ލިބުނު ފަރާތްތަކާ ހަވާލުކުރަން މާދަމާއިން ފެށިގެން ކުރިޔަށްދާއިރު، ކަރަންޓުގެ މަސައްކަތް އެއްކޮށް ނުނިމެ އެވެ. ނަމަވެސް ކޮންޓްރެކްޓަރާއެކު މަޝްވަރާކޮށް މިހާރު މަސައްކަތް ކުރަނީ މި މަހުގެ ނިޔަލަށް ފްލެޓުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ކަމަށް އެޗްޑީސީން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި ފްލެޓުތަކުގެ ކުލި ދައްކާ މުއްދަތު ގުނަން ފަށާނީ ކަރަންޓު ލައިދެވޭ ދުވަހުން ފެށިގެން ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.