ގްރޭޓާ މާލެ ގްރިޑް އެނަޖައިޒްކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިއަދު ހުޅުމާލޭގެ ބައެއް ސަރަހައްދުން ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނީ ގްރޭޓާމާލެ ސަރަހައްދުގެ ކަރަންޓު ވިއުގަ ގުޅާލުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައި ވަނީ ހަތަރު ދުވަހު ކަމަށާއި އެއީ މިމަހުގެ 18،17، 21 އަދި 22 ކަމަށެވެ.
އެގޮތުން މިއަދު ހެނދުނު 8:00 އިން 5:00 އަށް ކަރަންޓް ވިއުގަ ގުޅާލުމުގެ މަސައްކަތް ކުރިއަށްދާއިރު ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ މާދަމާ ކުރެވޭ މަސައްކަތުގެ ތެރެއިން ގްރިޑް މާލޭގެ އިންޖީނުގެއާ ސިންކޮރޮނައިޒް ކުރާނެ ކަމަށެވެ. އަދި ގްރޭޓާމާލޭ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމަށް ރޭވިފައިވަނީ އަންނަ ބުދަ ދުވަހު ކަމަށާއި އެ ދުވަހު ވެސް 8:00 އިން 5:00 އަށް އެ މަސައްކަތް ކުރިޔަށްދާނެ ކަމަށް ސްޓެލްކޯއިން ބުންޏެވެ. އެގޮތުން ބުދަ ދުވަހު އެ ވަގުތުތަކުގައި މާލެއާއި، ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
އެ ކުންފުނިން ބުނީ ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީގެ ހަތް ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްއޫއެކެވެ.
މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ސްޓެލްކޯއިން ބަހައްޓާފައި އެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިފައިވާ ކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މި މަޝްރޫއުގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެ އެވެ. އެގޮތުން މާލޭގެ ކަރަންޓުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ ކަރަންޓު ގްރިޑާ ގުޅާލެވޭނެ އެވެ. އަދި ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ގްރިޑާ ގުޅާލެވޭނެ އެވެ. މިއީ 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.