ގްރޭޓާމާލެ ގްރިޑްގެ ދެވަނަ ސާކިޓް އެނަޖައިޒް ކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް މުޅި މާލެއިން ކަރަންޓު ކެނޑުނު ނަމަވެސް، މިހާރު މުޅި މާލެއަށް އަލުން ކަރަންޓް ދީފައިވާ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯއިން ކުރި ޓުވީޓްގައި ބުނެފައި ވަނީ ގްރޭޓާ މާލެ ގްރިޑް ޕްރޮޖެކްޓަކީ މިހާތަނަށް ރާއްޖޭގެ ހަކަތައިގެ ސިނާއަތުގައި ހިންގޭ މިފަދަ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. މި މަސައްކަތުގެ ޓެސްޓިން މަރުހަލާތައް ކުރިޔަށްދާއިރު އަދި ކުރިމަގުގައި މައްސަލައެއް ދިމާނުވެ، މި މަޝްރޫއުގެ ފަސޭހަތައް ރައްޔިތުންނަށް އޭގެ އެންމެ ފުރިހަމަގޮތުގައި ހޯދައިދިނުމަށްޓަކައި އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތުގައި ޓެކްނިކަލް މައްސަލަތައް ދިމާވެ، ކަރަންޓު ކެނޑުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯއިން ބުނީ ގްރޭޓާ މާލެ ގްރިޑްގެ ޓެސްޓު މަރުހަލާ ވީއެންމެ އަވަހަކަށް ނިންމުމަށް މަސައްކަތް ކުރަމުންދާއިރު މި މަސައްކަތް ކުރިޔަށްގެންދާނެ ދުވަސްތަކާއި، ޓެކްނިކަލް މައްސަލައެއް ދިމާވުމުގެ ފުރުސަތު އޮތްނަމަ، އެކަމެއް އެ ކުންފުނިން މީޑިއާ އާއި، ސޯޝަލް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް އަންގަމުން ގެންދާނެ ކަމަށެވެ. ދިމާވި ދަތިތަކަށް އަދިވެސް އެއްފަހަރު އެންމެހާ ކަސްޓަމަރުންގެ ކިބައިން ސްޓެލްކޯއިން މައާފަށް އެދިފައިވެ އެވެ.
ސްޓެލްކޯއިން ކުރިން ބުނެފައި ވަނީ، ގްރޭޓާމާލޭ ކަރަންޓު ވިއުގަ ގުޅާލުމުގެ މިމަހު 17 ވަނަދުވަހު ފަށާފައިވާ ކަމަށާއި މި މަސައްކަތް ހިނގަމުންދާ ވަގުތުތަކުގައި، މަސައްކަތް ފެށުނު ދުވަހުގަ އާއި އަދި މި މަހުގެ 21 ވަނަ ދުވަހު (މިއަދު) މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ސްޓެލްކޯ އިން ބުނެފައިވަނީ ގްރޭޓާމާލޭ ގްރިޑް ކަނެކްޝަނަކީ މާލެ އާއި، ހުޅުމާލެ އަދި ހުޅުލޭގެ ކަރަންޓު ވިއުގަ 132 ކޭވީގެ 7 ކިލޯމީޓަރުގެ ދެ ސާކިޓުން ގުޅާލެވޭ މަޝްއޫއެކެވެ.
މި މަޝްރޫއުގައި ހުޅުމާލެ އަދި މާލޭގައި 95 އެމްވީއޭގެ ހަތަރު ޓްރާންސްފޯމަރާއި، ހުޅުލޭގައި 8 އެމްވީއޭގެ ދެ ޓްރާންސްފޯމަރު ވަނީ ސްޓެލްކޯއިން ބަހައްޓާފައި އެވެ. މި ކަރަންޓު ވިއުގައިގެ ކޮންމެ ސާކިޓަކުން 100 މެގަވޮޓްގެ ހަކަތަ ފޮނުވުމުގެ ގާބިލްކަން ލިބިފައި ވާކަމަށް ސްޓެލްކޯއިން ބުނެ އެވެ.
މި މަޝްރޫޢުގެ ސަބަބުން، އެއް ރަށުން ކަރަންޓު ކެނޑިއްޖެނަމަ އަނެއް ރަށުގައި އުފައްދާ ކަރަންޓު ބޭނުންކޮށްގެން ކަރަންޓު ދިނުމުގެ އިންތިޒާމު ހަމަޖެހޭނެ އެވެ.
އެގޮތުން މާލޭގެ ކަރަންޓުގެ ނިޒާމަށް މައްސަލައެއް ދިމާވެއްޖެނަމަ ހުޅުމާލޭގެ ކަރަންޓު ގްރިޑާ ގުޅާލެވޭނެ އެވެ. އަދި ހުޅުމާލެއަށް ނުވަތަ ހުޅުލެއަށް މައްސަލައެއް ދިމާވެއްޖެނަމަ މާލޭގެ ގްރިޑާ ގުޅާލެވޭނެ އެވެ. މިއީ 45 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.