ހުޅުމާލޭގައި 25 ބުރީގެ އޮފީސް އިމާރާތެއް ހަދަން ކުރީގެ ސަރުކާރުން ހަވާލުކޮށްފައިވާ މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ އަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ދައްކަން ޖެހުނު 22.8 މިލިއަން ޑޮލަރު (352 މިލިއަން ރުފިޔާ) ސަރުކާރުން ނުދިނުމުން، މެލޭޝިއާ ކުންފުނިން ސަރުކާރާ ދެކޮޅަށް ދައުވާކޮށްފި އެވެ.
މެލޭޝިއާގެ ޑަބްލިއުޒެޑްއާރު ޕްރޮޕަޓީ އަށް 22.8 މިލިއަން ޑޮލަރު (352 މިލިއަން ރުފިޔާ) ދައްކަންޖެހޭ ކަމަށް އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އިން ކަނޑައެޅީ މިދިޔަ އަހަރުގެ ޖުލައި ފަސްވަނަ ދުވަހު އެވެ.
ޑަބްލިއުޒެޑްއާރު ކުންފުނީގެ އެގްޒެކްޓިވް ޑިރެކްޓަރު ވަން ނަޒީރު ވަން މުހައްމަދާ ހަވާލާދީ މެލޭޝިއާގެ ނިއު ސްޓްރެއިޓްސް ޓައިމްސްގައި ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން މެލޭޝިއާގެ ފޮރިން މިނިސްޓްރީ އާއި މިނިސްޓްރީ އޮފް އިންޓަނޭޝަނަލް ޓްރޭޑް އެންޑް އިންޑަސްޓްރީޒްގެ އިތުރުން ބޮޑުވަޒީރުގެ އޮފީސް މެދުވެރިކޮށް ވެސް ދިވެހިސަރުކާރުން 22.8 މިލިއަން ޑޮލަރު ހޯދަން މަސައްކަތްކުރި ކަމަށެވެ.
އޭޝިއަން އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު (އޭއައިއޭސީ) އިން ނިންމާފައިވާ ގޮތަށް އެ ފައިސާ އެޗްޑީސީން ދައްކަން ޖެހޭ ކަމަށް އޭނާ ފާހަގަކުރި އެވެ.
އާބިޓްރޭޝަންގެ ނިންމުމުގައި ވަނީ 2018 ވަނަ އަހަރުގެ މެއި މަހު ޑަބްލިއުޒެޑްއާރު ޕްރޮޕަޓީން ކޮށްފައިވާ އިންވޮއިސް އަކަށް މިހާތަނަށް ވެސް ފައިސާ ލިބިފައި ނުވާ ކަމަށާއި މިހާރުގެ އެކްސްޗޭންޖް ރޭޓުން ބަލާ ނަމަ 22,823,432.68 ޑޮލަރު ދައްކަންޖެހޭ ކަމަށެވެ. އަދި މި ފައިސާ އެޗްޑީސީން ހަތް ދުވަސް ތެރޭގައި ދައްކަން ވަނީ އަންގައިފަ އެވެ. މި ފައިސާ އަކީ ޕްރޮޖެކްޓް ކުރިއަށް ނުގެންދަން ނިންމިއިރު މެލޭޝިއާ ކުންފުނިން ކޮށްފައިވާ މަސައްކަތަށްވާ ފައިސާ އެވެ.
ވަން ނަޒީރު ވިދާޅުވީ މިދިޔަ އަހަރުގެ ޖުލައި 5، ގައި އާބިޓްރޭޝަނުން ނިންމާފައި ވަނީ އެ ކުންފުނިން ހުށަހަޅާފައިވާ ގޮތަށް އެ ފައިސާ ލިބެން ޖެހޭ ކަމަށެވެ.
"މިއަދާ ހަމަޔަށް ދައްކަން ޖެހޭ މުޅި އަދަދު އެޗްޑީސީން ދައްކާފައެއް ނުވޭ،" ނަޒީރު ވިދާޅުވި އެވެ. "އެ ފައިސާ ހޯދަން އަޅުގަނޑުމެން ހުރިހާ ދިމާލަކުން ވެސް މަސައްކަތްކޮށް ވަރުބަލިވެއްޖެ. އެހެން ނިންމީ އެޗްޑީސީއާ ދެކޮޅަށް ދައުވާކުރަން،" ވަން ނަޒީރާ ހަވާލާދީ ޑަބްލިއުޒެޑްއާރު ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
މިކަމާ ގުޅޭ ގޮތުން އެޗްޑީސީ ބަހެއް ހޯދަން "ހުރިހާ" އިން މިރޭ ގުޅުމުން މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ފޯނަށް ޖަވާބެއް ނުދެއްވި އެވެ.
ވަން ނަޒީރު ވިދާޅުވި ގޮތުގައި ޑަބްލިއުޒެޑްއާރަކީ މެލޭޝިއާގައި ގަދަވެރި، އޭ ކްލާސް ބުމިޕުތުރާ ކޮންޓްރެކްޓަރެއް ކަމަށެވެ.
އެ ކުންފުނިން ބުނީ ކޮވިޑާ ގުޅިގެން އެ ކުންފުނީގެ މާލީ ހާލަތު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި އަދި ދިވެހި ސަރުކާރުން އެ ކުންފުންޏަށް ލިބެން ޖެހޭ ފައިސާ ނުލިބުމުން ކުންފުނި ހިންގަން ދަތިވެފައިވާ ކަމަށް ބުންޏެވެ.
ސަރުކާރުން ފުރަތަމަ ނިންމީ މާލޭގައި ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އޮފީސް އިމާރާތެއް އަޅަން ޑަބްލިއުޒެޑްއާރުއާ ހަވާލުކުރުމަށެވެ. ނަމަވެސް އެ ނިންމުން ބަދަލުކޮށް ސަރުކާރުން ފަހުން ނިންމީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ އިމާރާތް އަޅާ ގޮތަށެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކުރާ އެ އޮފީސް ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް މެލޭޝިއާގެ އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރުގެ މާޗް މަހުގަ އެވެ. އެ ޕްރޮޖެކްޓްގެ އަގަކީ 123 މިލިއަން ޑޮލަރެވެ. އެ ޕްރޮޖެކްޓްގެ 20 ޕަސެންޓް މަސައްކަތާއި ޕައިލިންގެ 60 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.
"ޔޫ ބިލްޑިންގް"ގެ ނަމުގައި ފިނޭންސްގެ އާ އިމާރާތް ހަދަން އެއްބަސްވީ ކޮންޓްރެކްޓަރުގެ އަމިއްލަ ޚަރަދުގަ އެވެ. މި ފައިސާ ސަރުކާރުން ދައްކާ ގޮތަށް އޮތީ ތިން އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު 20 އަހަރު ދުވަހުގެ ތެރޭގަ އެވެ.
ރޯމާ ދުވާލުގައި ދައުލަތުން ވައްކަން ކުރަން މައްސަލަ އުފައްދައިގެން ކޯޓް ތަކަށް ވައްދައިގެން ދައުަލްތުން ވައްކަން ކުރުން، !
ދައުލަތުން ވައްކަން ކުރަންވީމާ ކޮންމެ ބަޔަކުވެސް ކޮންމެސް މައްސަލައެއް އުފައްދައިގެން ކޯޓަށް މިދަނީ ދައުލަތާއި ދެކޮށް !
ދެރަކަމެއްތާދޯ. ތިކަމުގެ އެންމެ ބޮޑު ގެއްލުމާއި އުނދަގޫތައް ކުރިމަތިވާނީ މެލޭސިއާގައި ތިބި ދިވެހިންނަށް. އެއަށްފަހު މެލޭއަށް ދަތުރުކުރާ ދިވެހިންނަށް. ދެންވާނެ ގޮތަކީ ޔުނިވާރސިޓީތަކުން ދިވެހި ކުދިންނަށް ފުރުޞަތުތައް ހަނިކުރާނީ. ޣެކަމަކު ދައުލަތުގެ ބޮޑުން ތިބޭނީ ބީރު ކަންފަތެއްދީގެން.