އެމްއެމްއޭ އިން ފައިސާ އިތުރަށް ޗާޕުކުރަން ނުވަތަ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކުރުމުގެ ހުއްދައިގެ މުއްދަތު އެއް އަހަރަށް އިތުރުކޮށް، އޯވަޑްރޯގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ކުޑަކުރަން މާލިއްޔަތު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބޭއްވި ބައްދަލުވުމުގައި މިކަން ފާސްކޮށްފައި ވަނީ ކޮމިޓީގައި ބައިވެރިވި މެންބަރުންގެ އިއްތިފާގުންނެވެ. އޯވަޑްރޯގެ މުއްދަތު އިތުރުކުރަން ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވީ 3.5 ބިލިއަން ރުފިޔާގެ ލިމިޓެއް ކަނޑަައަޅައިފަ އެވެ. ނަމަވެސް އޯޑީގެ ލިމިޓް 2.5 ބިލިއަން ރުފިޔާ އަށް ކުޑަކުރަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ގަފޫރު މޫސާ ހުށަހަޅުއްވުމުން އެއަށް ތާއީދުކުރެއްވީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލް ލަތީފެވެ. އެ އަދަދު އޯވަޑްރޯ ކުރަނީ 0.1 ޕަސެންޓުގެ އިންޓްރެސްޓް ރޭޓެއްގަ އެވެ.

އަންނަ އަހަރު އޯވަޑްރޯ ކުރުމާ އެކު މި އަހަރުގެ ނިޔަލަށް އޯވަޑްރޯ ކޮށްފައިވާ އަދަދު ބޮންޑަކަށް ބަދަލުކުރަން ވެސް ފިނޭންސް މިނިސްޓްރީން ވަނީ އެދިފަ އެވެ. އަދި 2.5 ޕަސެންޓްގެ އިންޓަރެސްޓް ރޭޓެއްގައި 50 އަހަރުން އެ ބޮންޑު އަނބުރާ ދައްކާ ގޮތަށް ކޮމެޓީން ވަނީ ހަމަޖައްސައިދީފަ އެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހުގެ ބަޖެޓް ކޮމިޓީގައި މިއަދު ވިދާޅުވީ ޕަބްލިކް އެކައުންޓުން އޯވަޑްރޯ ނުވަތަ ފައިސާ ޗާޕުނުކޮށްފިނަމަ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު 26 ބިލިއަން ރުފިޔާއަށް ކުޑަކުރަން ޖެހޭނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، އޯވަޑްރޯ ނުކޮށްފިނަމަ އެންމެ ގިނަވެގެން ވެސް ބަޖެޓުގެ އަދަދު ކަމަށް ކަނޑައެޅޭނީ 26 ބިލިއަން ރުފިޔާއަށް ކަމަށެވެ. އަދި ބަޖެޓް ކުޑަކޮށްފިނަމަ މިހާރު ސަރުކާރުން ކުރުމަށް ރާއްވަވާފައިވާ ގިނަ މަޝްރޫއުތައް މަދުކުރަންޖެހި، އަލަށް ކުރަންރާވާފައިވާ ކަަންކަން މަޑު ޖައްސާލަން ޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.