ސްޓެވޯގެ ޖަނަރޭޓަރާއެކު، ވ. ތިނަދޫ އާ އިންޖީނުގެއިން ހިދުމަތް ދޭން ފަށައިފި އެވެ.

އެ ރަށު އާ އިންޖީނުގެއިން ހިދުމަތް ދޭން ފެށީ ސްޓެލްކޯގެ ސްޓެވޯ ވޯކްޝޮޕުން އެސެމްބަލްކުރި، ޖަނަރޭޓަރުތަކުގެ ތެރެއިން STW500 މޮޑެލްގެ މުޅިން އައު ޖަނަރޭޓަރަކާއެކު އެވެ.

ސްޓެލްކޯ އިން ބުނީ މި ޖަނަރޭޓަރަކީ ސްޓެވޯއިން މިހާތަނަށް އެސެމްބަލްކުރި ޖަނަރޭޓަރުތަކުގެ ތެރެއިން، ކޮމިޝަންކޮށް ބޭނުން ކުރަންފެށި ފުރަތަމަ ޖަނަރޭޓަރު ކަމަށެވެ. އަދި މިވަގުތު ތިނަދޫއަށް މި ޖަނަރޭޓަރުން ހިދުމަތް ދެމުންގެންދާއިރު، މި އާ ޖަނަރޭޓަރާއެކު، ތިނަދޫގެ ޖުމްލަ ކެޕޭސިޓީ 1136 ކިލޯވޮޓް އިތުރުކުރެވިފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީގެ ކުރިން ތިނަދޫގެ ކެޕޭސިޓީއަކީ، 656 ކިލޯވޮޓް އެވެ.

ވ. ތިނަދޫ އައު އިންޖީނުގެއިން ކަރަންޓު ދޭން ބެހެއްޓި ސްޓެވޯގެ ޖަނަރޭޓަރު.

"ވ. ތިނަދޫ ސްޓެލްކޯގެ އައު އިންޖީނުގެ ބޭނުންކުރަން ފަށާފައިވާއިރު، ތިނަދުގެ ބައު އިންޖީނުގޭގައި ހުރި ޖަނަރޭޓަރުސެޓްތައް އައު އިންޖީނުގެއަށް ބަދަލު ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. ތިނަދޫ ބައު އިންޖީނުގޭގައި ހުރި ޖަނަރޭޓަރުތައް އައު އިންޖީނުގެއަށް ބަދަލު ކުރެވުމާއެކު، ބައު އިންޖީނުގެ ބޭނުން ކުރުން އެއްކޮށް ހުއްޓާލެވިގެންދާނެ. ތިނަދޫގެ އައު އިންޖީނުގެ ބޭނުންކުރަން ފަށާފައިމިވަނީ ތިނަދޫގެ ކަރަންޓު ޑިސްޓްރިބިއުޝަން ނެޓްވޯކްވެސް އަޕްގްރޭޑް ކުރުމަށްފަހު،" އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން ތިނަދޫ އިންޖީނުގޭގައި ސޯލާ އިންސްޓޯލްކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އެގޮތުން ތިނަދޫ އިންޖީނުގޭގައި 20 ކިލޯވޮޓްގެ ސޯލާ އިންސްޓޯލް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ބުންޏެވެ.