ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން "ސްމާޓްކޮމް"ގެ ނަމުގައި ބްރޭންޑެއް މިރޭ ތައާރަފު ކޮށްފި އެވެ.

މި ބްރޭންޑަކީ ސްމާޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީކުރުމަށް އެޗްޑީސީން ކުރިއަށްގެންދާ ޕްރޮޖެކްޓުގެ ދަށުން ތައާރަފްކުރި ބްރޭންޑެކެވެ.

ހޮޓެލް ޖެންގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ބްރޭންޑް ތައާރަފު ކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.

މި ރަސްމިއްޔާތުގައި ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުން، އެޗްޑީސީގެ އޯޕަން އެކްސެސް ނެޓްވޯކް ޕާޓްނާ ކުންފުނިތައް ކަމަށްވާ ދިރާގު، އުރީދޫ، އަދި މީޑިއާނެޓްގެ އިސް ވެރިން، ސްމާޓް ސިޓީގެ މަސައްކަތްތަކުގައި މި ވަގުތު އެޗްޑީސީއާއެކު މަސައްކަތްކުރާ އެހެނިހެން ފަރާތްތައް، އެކުންފުނީގެ އިސްވެރިން އަދި މިކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން ބައިވެރިވި އެވެ.

ހުޅުމާލޭގެ ހުރިހާ ކޮމިއުނިޓީއެއް ޑިޖިޓަލްކޮށް ގުޅުވާލާ "ސްމާޓްކޮމް" ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

"ހުޅުމާލޭގެ ތަފާތު ކޮމިއުނިޓީތައް ޑިޖިޓަލީ ގުޅުވާލުމަކީ ސްމާޓްކޮމްގެ ދުރު ތަސައްވުރެއް. ސްމާޓްކޮމްގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ސިޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް ތަފާތު ސްމާޓް ސޮލިއުޝަންތައް ތައާރަފު ކުރުން ހިމެނޭ. އަދި މުޖުތަމައުގެ އެއްމެހާ ފަރުދުން ހިމެނޭހެން ހުރިހާފަރާތްތައް ގުޅިގެން މި ތަސައްވުރަށް ވާސިލުވުމަށް ތަފާތު ޕާޓްނަޝިޕްތައް އުފެއްދުމަކީ ވެސް އެއް އަމާޒު. މީގެ އިތުރުން ޓެކްލޮލޮޖީއާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދިނުން ހިމެނޭ،" އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ ސްމާޓްކޮމް ބްރޭންޑްގެ ދަށުން މުސްތަގްބަލުގައި ތައާރަފުވެގެންދާ ތަފާތު ސްމާޓް ސޮލިއުޝަންސްތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތާއި ދަތުރުފަތުރުގެ ކަންކަން، ރައްޔިތުންނާއި އާއްމު ތަންނަނުގެ ރައްކާތެރިކަން ކަށަވަރުވުން، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުން، އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތައް ރައްޔިތުންނަށާއި ވިޔަފާރިތަކަށް، އަދި ސަރުކާރުގެ އިދާރާތަކަށް ވެސް ލިބޭނެ ކަމަށެވެ. ވަކިން ހާއްސަކޮށް ޕާޓްނަރޝިޕްތަކާއި، އިންކިއުބޭޝަން ފެސިލިޓީތަކާއި، އަދި މިކަހަލަ ތަފާތު ޕްރޮގްރާމްތަކާއެކު، ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިވެ، އަދި މިދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް މި އިންޑަސްޓްރީއަށް ނިކުންނަން ބޭނުންވާ ވިޔަފާރިތަކަށްވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ހުޅުމާލޭގެ ހުރިހާ ކޮމިއުނިޓީއެއް ޑިޖިޓަލްކޮށް ގުޅުވާލާ "ސްމާޓްކޮމް" ތައާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

"ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަގުސަދުގައި އެޗްޑީސީން މިހާރު ވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން. އަދި މިހާތަނަށް ވަނީ ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކަކާ އެކީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗާއެއް ގާއިކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައި،" އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީގެ އަމާޒަކީ ސްމާޓްކޮމް މެދުވެރިކޮށް ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމެވެ. އަދި ސްމާޓް ސިޓީގެ ޚިދުމަތްތައް ނުވަތަ ސްމާޓް ސޮލިއުޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކަށް ވެސް ފޯރުކޮށްދިނުން ކަމަށް އެޗްޑީސީން ބުންޏެވެ.

"މިގޮތުން، އިންޓަނެޓް އަދި ޓީވީފަދަ ޚިދުމަތްތައްދޭ ހުރިހާ ފަރާތްތަކަށް އެއްވިއުގައެއް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތްދެވޭގޮތަށް ފަރުމާކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކެއް ދަނީ ހަލުވި ކަމާއެކު ގާއިމު ކުރެވި އޭގެ ޚިދުމަތްތައް ތައާރަފް ކުރިއަރަމުން. މި އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް މިއަހަރުގެ ފަހު ކުއާޓާގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ ދިރާގު، އުރީދޫ އަދި މީޑިއާ ނެޓްގެ ޚިދުމަތްތައް ދޭން ފަށާފައި. އަދި ދެވަނަ ފިޔަވަހީގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމުގެ ގޮތުން މުއާސަލާތީ ޚިދުމަތްދޭ ހުރިހާ ކުންފުނިތަކަށްވެސް އެއްޓަވަރުތަކެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭފަދަ މުއާސަލާތީ ޓަވަރު ތަކަކާއި، ސްޓްރީޓް އަދި ރޫފްޓޮޕް ޕޯލްތަކެއް ޖެހުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާކަން ފާހަގަ ކުރަން،" އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ މިހާތަނަށް ހިޔާ ފްލެޓް ސަރަހައްދުގައި ވަނީ ހަތަރު ޓަވަރެއް ޖަހައި، ދިރާގާއި އުރީދޫގެ މޮބައިލް ޚިދުމަތްތައް މި ޓަވަރުތައް މެދުވެރިކޮށް ދޭން ފަށާފައިވާ ކަމަށެވެ.

"ހުރިހާ ޚިދުމަތްދޭ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ މިފަދަ ޑިޖިޓަލް އިންފްރާސްޓަރގެ ސަބަބުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެވި، ގިނަގިނައިން މަގު ކޮނުންފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުވެގެން ދެއެވެ. އަދި މިފަދަ އޯޕަން އެކްސެސް ނެޓްވޯކް ތަކަކީ އޭގެ ޒަރީއާއިން އެތަކެއް ސްމާޓް ސޮލުއިޝަންތަކެއް ތައާރަފު ކުރެވޭނެ ވިއުގައެއް،" އެ ކުންފުނިން ބުންޏެވެ.