މި އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އަމާޒު ހާސިލްކޮށް، 1.3 މިލިއަން ވަނަ ޓޫރިސްޓަށް މިއަދު މަރުހަބާ ކިޔައިފި އެވެ.
މިއަދު ހަވީރު ގަލިވް އެއާ އިން ރާއްޖެ އައި ޓޫރިސްޓުންގެ ތެރެއިން 1.3 މިލިއަން ވަނަ ޓޫރިސްޓަކަށްވީ ރުމެނީއާގެ ރައްޔިތެއް ކަމަށްވާ ކޮންސްޓެންޓައިން ސްޓޭލިއަން އެމިލް އެވެ. އޭނާ އައީ އާއިލާއާ އެކު ޗުއްޓީ ހޭދަކުރަން ބަނޑޮސް އައިލެންޑް ރިސޯޓަށެވެ.
އޭނާ އެންމެ ފުރަތަމަ ރާއްޖެ އައީ މީގެ ފަސް އަހަރު ކުރިން ހަނީމޫނަށެވެ. މި އަހަރު ރާއްޖެ އަށް އައި 1.3 ވަނަ ޓޫރިސްޓަށް އެމިލް ވުމުން އޭނާއަށް ވަނީ ހާއްސަ ހަދިޔާއެއް ދީފަ އެވެ.
މިއަހަރުގެ 1.3 މިލިއަން ވަނަ ޓޫރިސްޓަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން މަރުހަބާ ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު ޑރ. މަޢުސޫމް އާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުޙައްމަދާއި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އިސް ބައެއް ބޭފުޅުންނެވެ.
ނޫސްވެރިންނާ ވާހަކަދައްކަމުން 1.3 މިލިއަން ވަނަ ޓޫރިސްޓު މިލް ބުނީ މިއީ އޭނާ ރާއްޖެ އައި ދެވަނަ ފަހަރު ކަމަށެވެ. އަދި ރާއްޖެއަށް އެންމެ ފުރަތަމަ އައީ އޭނާގެ ހަނީމޫނަށް މީގެ ފަސް އަހަރު ކުރިން ކަމަށެވެ. އޭގެ ފަހުން އަބަދުވެސް ރާއްޖެ އަންނަން ބޭނުންވާ ކަމަށާއި ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ރާއްޖެ އައުން ލަސްވީ ކަމަށް އޭނާ ބުންޏެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވީ، ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބީ ގުޅިފައި އޮތީ އެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާ ކަމަށެވެ. މިއީ އެންމެންގެ އެއްބައިވަންތަކަމުން ހޯދުނު ކާމިޔާބީއެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.