ބ. އަތޮޅުގައި ދެން އިތުރު އެއްވެސް ރިސޯޓެއް ނުހެދުމަށާއި، ފަޅުރަށްތަކާއި ފިނޮޅުތައް އަތޮޅު ކައުންސިލުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ގޮވާލައި، އެ އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފި އެވެ.
ބ. އަތޮޅު ކައުންސިލުން ފާސްކޮށްފައިވާ ގަރާރުގައި އެއަތޮޅުގެ ގިނަ ރަށްތަކެއްގެ ކައުންސިލުގެ ރައީސުން ވަނީ ސޮއި ކުރައްވާފަ އެވެ.
އެގަރާރުގައި ބުނެފައި ވަނީ ބ. އަތޮޅުގައި މިހާރު ބޭނުންކުރަން ނުފަށާ ހުރި ފަޅުތަކާއި ފިނޮޅުތަކާއި އަދި ފަޅުރަށްތަކުގެ ޙާލަތު ދެނެގަތުމަށް ކުރެވުނު މަސައްކަތުން ކަންބޮޑުވާ ގިނަ މައްސަލަތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެކަންކަމާ ގުޅިގެން ފާސްކުރި ގަރާރުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގިނަ ކަންތައްތަކެއް ގޮވާލާފައި އެވެ.
ގަރާރުގައި ގޮވާލާފައިވާ މައިގަނޑު ކަންތަކުގެ ތެރޭގައި:
- ވަރުވާއަށް ދޫކުރެވިފައިވާ ބައެއް ރަށްރަށް ކުނި އަޅައި ފުރާލާފައިވާކަން.
- ހުއްދަ ނުނަގައި ބައެއް ރިސޯޓްތަކުން ފިނޮޅުތައް ބޭނުންކޮށް މާލީ މަންފާ ހޯދަމުންދާކަން.
- ރިސޯޓް ހަދަން ދޫކޮށްފައިވާ ބައެއް ރަށްރަށުގައި އެއްވެސް މަސައްކަތެއް ކޮށްފައިނުވާކަން.
- ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތައް އެންމެ އެކަށީގެންވާ ގޮތަށް ބޭނުންނުކުރާކަން.
މި ކަންކަމަށް ބަލައި އަތޮޅުގައި އެއްވެސް ރިސޯޓެއް އިތުރަށް ނުހެދުމަށާއި އިތުރަށް އެއްވެސް ރިސޯޓެއް ހަދާނަމަ ހަދަން ހުޅުވާލަން ވާނީ ބ. އަތޮޅު ކައުންސިލްގެ އިޒުނައެއް ހޯދުމަށް ފަހުގައި ކަމަށާއި ބ. އަތޮޅުގައި މިހާރު ވަރުވާއަށް ދޫކޮށްފައިވާ ރަށްތަކުގެ އެއްބަސްވުންތައް އަތޮޅު ކައުންސިލްގެ މައްޗަށް ބަދަލުކޮށްދިނުމަށް މި ގަރާރުގައި ގޮވާލާފައިވެ އެވެ.
"އަތޮޅު ރަށްރަށުގެ އިހްތިސޯސްގެ ތެރެއަށް ނުވަދެހުރި ހުރިހާ ފަޅުތަކާއި ފިނޮޅުތަކާއި އަދި ފަޅުރަށްތައް ބެލެހެއްޓުން އަތޮޅު ކައުންސިލް ހަވާލުކުރުމަށާއި، ގަވާއިދާ ހިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ވަނީ ނިންމާފައި،" ގަރާރުގައި ވެ އެވެ.
މީގެ އިތުރުން ގަވާއިދާ ހިލާފަށް ބޭނުންކޮށްފައިވާ ރަށްތަކާއިމެދު ފިޔަވަޅުއެޅުމަށާއި ބ. އަތޮޅު ބަޔޮސްފިޔާ ރިޒާވަކީ ބ. އަތޮޅު ކައުންސިލްގެ ދަށުން ހިނގާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލާ ކަމަށް ވެސް އެ ގަރާރުގައި ވަނީ ބަޔާންކޮށްފަ އެވެ.
މުޅި ބ. އަތޮޅުން އެކި ޓެކްސްތަކަށް އަހަރެއްގެ މައްޗަށް 557 މިލިއަން ރުފިޔާ ދައްކަ އެވެ. ނަމަވެސް އަތޮޅުގެ ގިނަ ރައްޔިތުން ތިބީ އަސާސީ ބޭނުންތަކުން މަހްރޫމްވެފައިކަން އޭނާ ފާހަގަކުރެއްވި އެވެ.