ރިސޯޓް ތަރައްގީކުރަން އަލަށް ހުޅުވާލި ރަށްތަކަށް 20 އަށް ވުރެ ގިނަ ފަރާތުން ބީލަން ފޮތް ގަތުމަށް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ރިސޯޓު ހަދަން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު 18 ރަށެއް ހުޅުވާލި އެވެ. އަދި މިދިޔަ ޖެނުއަރީގައި އެ ލިސްޓަށް ތިން ރަށް އިތުރު ކޮށްފައިވެ އެވެ.
ރާއްޖޭގައި ޓޫރިޒަމް ދާއިރާ އިން ހުރި ފުރުސަތުތަކާ ގުޅޭ ގޮތުން، އެ މިނިސްޓްރީން ބޭއްވި ވެބިނާގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް އަލީ ޝިނާން ވިދާޅުވީ ބިޑް ހުށައެޅުމުގެ މުއްދަތު އިތުރުކުރީ އޮމިކްރޯން ފެތުރެމުންދާތީ ގައުމުތަކުގައި އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ޑޮކިއުމެންޓްތައް ހުށަހެޅުމުގައި އިންވެސްޓަރުންނަށް އިތުރު ފުރުސަތު ދީ، އާ އިންވެސްޓަރުންނަށް ވެސް ބިޑަށް ހުށަހެޅޭނެ ގޮތް ހެދުމަށް ކަމަށެވެ.
ބީލަން ގަތުމަށް މިހާތަނަށް ވިއްސަށް ވުރެ ގިނަ ޕާޓީން ވަނީ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. ޓޫރިޒަމް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުން ބީލަން ހުށަހެޅުމުގެ މިހާރުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހުގެ 24 އެވެ.
ޝިނާން ވިދާޅުވީ، މިދިޔަ އަހަރު ހުޅުވައިލި ރަށްތަކަށް ވެސް ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރި އެވެ.
މި ރަށްތަކަށް ބީލަން ހުށައެޅުމުގެ ފުރުސަތު އިތުރުކުރީ ތަރުހީބު ނެތިގެންތޯ ނޫސްވެރިއަކު ސުވާލުކުރުން އޭނާ ވިދާޅުވީ އެ ރަށްތަކަށް ތަރުހީބު އެބައޮތް ކަމަށެވެ. އަދި ކޯވިޑްގެ ފަހުން މުޅި ދުނިޔެއިން ވެސް އެންމެ ބާރަށް ކުރިއަރާފައިވާ ފަތުރުވެރިކަމުގެ މަންޒިލަކަށް ރާއްޖެ ހޮވުމާ ގުޅިގެން ވެސް ރާއްޖެއަށް އިންވެސްޓްކުރުމަށް ގިނަ ފަރާތްތަކަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށް ވެސް ޝިނާން ވިދާޅުވި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަށް މިއަހަރު ހުޅުވާލާފައި ވަނީ މާލެއާއި ދުރު ސަރަހައްދުތަކުގެ ރަށްތައް ކަމަށާއި އެހެންވެ ޑިމާންޑް ދަށް ކަމަށް ހީވެދާނެ ކަމަށެވެ. ނަމަވެސް ކުރީ ދެ ފަހަރާ އަޅާބަލާއިރު މިއަހަރު ބީލަން ހުށައަޅާ ފަރާތްތަކުގެ އަދަދު އިތުރު ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.
ބީލަން ކާމިޔާބުކުރާ ފަރާތްތަކުން 60 ދުވަހުގެ ތެރޭ އެކުއިޒިޝަން ކޮސްޓް ހުށަހަޅަން ޖެހޭނެ އެވެ. ޓޫރިޒަމް މިނިސްޓްރީން ބުނީ ބީލަން ކާމިޔާބުކުރާ ފަރާތްތަކުން ރިސޯޓް ހެދުމުގެ މަސައްކަތް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި ފެށުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މި ރަށްތަކުގެ ތެރެއިން އެންމެ ބޮޑު އެކިއުޒިޝަން ކޮސްޓެއް ހުށަހަޅަން ޖެހެނީ މ. މާއުސްފުއްޓަށެވެ. އެ ރަށަށް އެންމެ ދަށް ވެގެން 1.5 މިިލިއަން ޑޮލަރު (23 މިލިއަން ރުފިޔާ) ހުށަހަޅަން ޖެހެ އެވެ. ދެވަނަ އެންމެ ބޮޑު އަގެއް ދައްކަން ޖެހޭ ގއ. މާރެހާ އަށް 1.4 މިލިއަން ޑޮލަރު (21 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އިއުލާނުކުރި ރަށްތައް ވިއްކުމުގައި 60 ޕަސެންޓް ޕޮއިންޓް ކަނޑައަޅާފައި ވަނީ އެންމެ ބޮޑު އަގު ހުށަހަޅާ ފަރާތަކަށެވެ. އަދި ތިމާވެށީގެ ކަންކަމާއި މުވައްޒަފުން ތަމްރީނު ކުރުމާއި އިޔާދަކުރަނިވި ހަކަތަ އަށް އިސްކަންދޭ މިންވަރަށް ޕޮއިންޓްދޭނެ އެވެ.