އުރީދޫގެ އެމްފައިސާ ބޭނުންކުރާ މީހުންނަށް ވައިބާ މެދުވެރިކޮށް ފައިސާ ފޮނުވޭ ހިދުމަތެއް މިއަދު ތައާރަފުކޮށްފި އެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި 'އެމް-ފައިސާ ސެންޑް މަނީ އޮން ވައިބާ' ހިދުމަތް ތައާރަފުކޮށްދެއްވީ އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު އަދި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް އެވެ.
އުރީދޫ އިން ބުނީ، އެ ހިދުމަތް ތައާރަފްކުރީ، ވަކި ވަކި ކަސްޓަމަރުންނަށާއި އޮންލައިން ފިހާރަތަކާއި ކެފޭ/ރެސްޓޯރަންޓް އަދި ކޯނާ ޝޮޕްތައް ފަދަ ކުދި ވިޔަފާރިތަކަށް އިތުބާރާއި ފަސޭހަ ކަމާއެކު ފައިސާ ޓްރާންސްފާ ކުރެވޭނެ ހައްލެއް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.
އެމް-ފައިސާ މެދުވެރިކޮށް ފައިސާ ފޮނުވާނެ ގޮތް:
- ވައިބަރ ޗެޓް ހުޅުވާލާށެވެ.
- ޖިފް+ ހުޅުވާލުމަށް ފަހު އެމް-ފައިސާ ހިޔާރުކުރައްވާށެވެ.
- "SEND MONEY" ހިޔާރުކުރައްވާށެވެ.
- އެމް-ފައިސާ އެކައުންޓަށް ލޮގިން ވުމަށް ޓަކައި ޕިން ޖައްސަވާށެވެ.
- ފައިސާ ފޮނުވަން ބޭނުން ފަރާތުގެ ނަންބަރާއި އަދަދު ޖަައްސަވުމަށްފަހު ޔަގީންކުރައްވާށެވެ.
- "SHARE RECEIPT" ހިޔާރު ކުރެއްވުމުން ވައިބަ މެދުވެރިކޮށް ކޮންފަމޭޝަން މެސެޖް ލިބިވަޑައިގަންނަވާނެ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ނިޔާޒު ވިދާޅުވީ އެ ހިދުމަތް ތައާރަފްކުރުމުގެ ހިޔާލު އައީ، 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި އެކި ކަންކަމުގައި ވައިބާގެ ބޭނުން ހިފާ މިންވަރު ވަރަށް ބޮޑަށް އިތުރުވުމުގެ ސަބަބުން ނެވެ. ވައިބާ އަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ބޭނުންކުރާ އެޕްލިކޭޝަނަކަށް ވާތީ ވައިބާ މެދުވެރިކޮށް ފައިސާ ފޮނުވޭނެ ހިދުމަތް ތައާރަފު ކުރުމުގެ މަސައްކަތް އެ އަހަރު ފެށި ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ކޮވިޑާ އެކު ޑިޖިޓަލް ޕްލެޓްފޯމުތަކާއި އީކޮމާސް ހިދުމަތްތަކަށް ބަރޯސާވާ މިންވަރު އިތުރުވެ، ފައިސާގެ މުއާމަލާތްތަކަށް އުފެއްދުންތެރި އާ ގޮތްތައް ހޯދަން ޖެހުނު ކަމަށެވެ. ފަސޭހަ އަދި ހަލުއި އެޕްލިކޭޝަނެއް މެދުވެރިކޮށް ޑިޖިޓަލް ޕޭމަންޓުގެ ކަންކަން ހަމަޖައްސަން އުރީދޫ އާއި ވައިބާ ގުޅުމަކީ އެ އަމާޒަށް ލިބޭ ކޮންޓްރިބިއުޝަނެއް ކަން ފާހަގަކުރައްވައި އުރީދޫގެ އެ ހިދުމަތް ތައާރަފްކުރުން ގަވަރުނަރު ސިފަކުރެއްވީ ތާރީހީ ކަމެއްގެ ގޮތުގަ އެވެ.