ރިސޯޓުތަކުން ދޭ ހިދުމަތްތަކަށާއި ހަރަދުތަކަށް ޑޮލަރަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭތީ ޑޮލަރުން ލިބޭ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރުމަކީ ތަހައްމަލު ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ރިސޯޓް ވިޔަފާރިވެރިންގެ ޖަމިއްޔާ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އިން ބުނެފި އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް، ޑޮލަރުން އާމްދަނީ ލިބޭ ތަންތަނުން ޖުމްލަ އާމްދަނީގެ 40 ޕަސެންޓު ބޭންކުތަކަށް މާރުކުރަން ލާޒިމުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމުމާ ގުޅިގެން އެ ޖަމިއްޔާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މަޓީން ބުނީ ރިސޯޓުތަކުން ތެލާއި، މުސާރައާއި، ސާވިސް ޗާޖާއި، ޓެކްސްތަކުގެ އިތުރުން ކުއްޔާއި ބޭރު ފައިސާއިން ދައްކަންޖެހޭ ލޯނުތައް ފަދަ ގިނަ ހަރަދުތަކެއް ކުރަންޖެހެނީ ޑޮލަރުން ކަމަށެވެ. އެހެންކަމުން ޑޮލަރު އާމްދަނީގެ ސާޅީސް ޕަސެންޓު މާރުކުރުމަކީ އެ ސިނާއަތަށް ތަހައްމަލު ކުރެވޭނެ މިންވަރެއް ނޫން ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރި އެވެ.
ބައެއް ރިސޯޓު އޮޕަރޭޓަރުން ގާނޫނާ ހިލާފު މުއާމަލާތްތައްކޮށް ކަޅު ބާޒާރުގައި ބޭރު ފައިސާގެ އަގު އުފުލުމަށް މަގުފަހިކުރާ ކަމަށް ސަރުކާރުގެ ތަހުގީގަކުން ތުހުމަތުކޮށްފައިވީ ނަމަވެސް، އެފަދަ ކަމެއްގެ މައުލޫމާތު ލިބިފައި ނުވާ ކަމަށް މަޓީން ބުންޏެވެ. އަދި ހުރިހާ ރިސޯޓު އޮޕަރޭޓަރުންވެސް ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އަބަދުވެސް އިލްތިމާސްކުރާ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
މަދު ރިސޯޓު އޮޕަރޭޓަރުންތަކެއްގެ މައްސަލައެއް ތަހުގީގުކުރަމުންދާތީ މުޅި ސިނާއަތަށް އަމާޒުކޮށްގެން ފިޔަވަޅު އެޅުމާއި، ޑޮލަރުގެ ކަޅުބާޒާރު ހިންގާ ކަމުގެ ތުހުމަތު ރިސޯޓުތަކުގެ ބޮލުގައި އެޅުވުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއެކު ކުރިން ބޭއްވި ބައްދަލުވުންތަކުގައި މާރުކުރަންޖެހޭ މިންވަރު 10 ޕަސެންޓަށްވުރެ އިތުރު ނުކުރުމަށް ހުށަހަޅާފައިވާނެ ކަމަށް މަޓީން ބުންޏެވެ. އަދި ގާނޫނީ ގޮތުން އިސްތިސްނާއަށް އެދިފައިވާ ރިސޯޓުތަކުގެ ހުށަހެޅުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެދިފައިވާނެ ކަމަށްވެސް ބުންޏެވެ.
ރާއްޖޭގެ 146 ރިސޯޓު ތަމްސީލުކުރާ މަޓީން ބުނީ، ސަރުކާރާއި އެމްއެމްއޭއާއެކު ވާހަކަދައްކައިގެން އިންސާފުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމަށް އެ ޖަމިއްޔާއިން އަބަދުވެސް ތައްޔާރަށް އޮތް ކަމަށެވެ.

