ހުޅުމާލޭގެ ދެވަނަ ފިޔަވަހިގައި އަލަށް މީހުން އާބާދުވަމުން އަންނަ ހިޔާ ފްލެޓްތަކުން އުކާލާ ކުނިވާޒާތުގެ ކުނި އެޅުމަށް އިތުރު ޑަސްބިންތަކެއް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ބަހައްޓައިފި އެވެ.
އެ ކުންފުނިން ބުނީ ހިޔާ ޓަވަރުތައް ހިމެނޭ ސަރަޙައްދުގައި އިތުރު ޑަސްބިން ބަހައްޓާފައި ވަނީ އެ ސަރަހައްދުގައި އުފެދޭ ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށާއި ސަރަޙައްދުގެ ސާފުތާހިރުކަން ބެލެހެއްޓުމަށް ފަސޭހަކުރުމުގެ ގޮތުން ކަމަށެވެ.
އެތަނުގެ ގޭބިސީތަކުން އުފެދޭ ކުނިވާޒާތުގެ ކުނި އެޅުމަށް ޚާއްސަ 30 ޑަސްބިނެއް މީގެކުރިން އެޗްޑީސީން ބަހައްޓާފައިވެ އެވެ.
ކުރިން ޑަސްބިންތައް ބަހައްޓާފައި ވަނީ ހިޔާ -5، ހިޔާ -8، ހިޔާ -9، ހިޔާ -12، ހިޔާ -13 އަދި ހިޔާ -16 ޓަވަރު ކައިރީގަ އެވެ. ނަމަވެސް އެ ޑަސްބިންތައް ފުރި، ޑަސްބިނުން ބޭރުގައި ވެސް ކުނި ބަހައްޓާކަން ފާހަގަކުރެވިފައިވާތީ މިހާރު އިތުރު 30 ޑަސްބިނެއް އެ ސަރަޙައްދުތަކުގައި އަލުން ވަނީ ބަހައްޓައިފަ އެވެ.
އެޗްޑީސީން ވަނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުން އެ ޓަވަރަކާއި އެންމެ ގާތް ސަރަޙައްދެއްގަ ބަހައްޓާފައިވާ ޑަސްބިންތަކަށް ކުނި އަޅަމުން ދިއުމަށް އަންގާފަ އެވެ. އަދި އެ ސަރަޙައްދުތަކުން ކުނި ނެގުމަށް ހަމަޖެހިފައިވަނީ ހެނދުނު 8:00 އިން ފެށިގެން މެންދުރު 12:00 އާ ދެމެދު އެވެ.
އެ ފްލެޓްގައި ދިރިއުޅޭ މީހުންނާއި މަސައްކަތް ކުރަމުންދާ މީހުން ގަޑިއަށް ސަމާލްކަންދީ ކަނޑައެޅިފަވާ ވަގުތުގެ ކުރިން ޑަސްބިންތަކަށް ކުނި އެޅުމަށް އެޗްޑީސީން ވަނީ އެދިފަ އެވެ.