މިދިޔަ އަހަރު ދުބާއީގައި ބޭއްވި އިންވެސްޓްމެންޓް ފޯރަމްގައި ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލި 18 ރަށުގެ ތެރެއިން ނުވަ ރަށަކަށް ބިޑް ހުށަހަޅާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ދިހަ އަތޮޅަކުން 18 ރަށެއްގައި ރިސޯޓް ތަރައްގީ ކުރުމަށް ހުޅުވާލި ފުރުސަތުގައި ނުވަ ރަށަކަށް 18 ފަރާތުން ބީލަށް ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން ބީލަން ހުށައަޅާފައިވާ ރަށްތަކަކީ ހއ. އަތޮޅުން 2 ރަށަކަށާއި، މ. އަތޮޅުން ރަށަކަށާއި، ފ.އަތޮޅުން 2 ރަށަކަށާއި، ގއ. އަތޮޅުން ރަށަކަށް، ގދ. އަތޮޅުން 2 ރަށުގެ އިތުރުން ތ. އަތޮޅުން ރަށެކެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ އުއްމީދުކުރި ވަރަށް ވުރެ ރަނގަޅު އެކުއިޒިޝަން އަގުތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އަދި ދެން ކުރިއަށްދާނީ ބީލަންތައް އިވެލުއޭޓުކުރުމުގެ މަސައްކަތްތައް ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެ އެވެ.
އިއުލާނުކޮށްފައިވާ ރަށްތަކުގެ ތެރެއިން ލ، ގއ، އަދި ގދ، އަތޮޅުގެ ރަށްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހަމަވެފައިވަނީ މާޗު މަހުގެ 23 ވަނަ ދުވަހަށެވެ. އެހެނިހެން އަތޮޅުތަކުގެ ރަށްރަށުގެ ބިޑު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާޗު މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށެވެ.
ބިޑަށް ހުޅުވާލި 18 ރަށުގެ އަގުތައް:
- ހއ. މެދަފުށި - 10.90 ހެކްޓަރު (875،000 ޑޮލަރު)
- ހއ. އަލިދުއްފަރުފިނޮޅު - ތިން ހެކްޓަރު (350،000 ޑޮލަރު)
- ހދ. ކުޑަފަރުފަސްގަނޑު - 1.20 ހެކްޓަރު (200،000 ޑޮލަރު)
- ށ. ކުޑަޅައިމެންދޫ - 14.70 ހެކްޓަރު (1 މިލިއަން ޑޮލަރު)
- ރ. އެއްތިގިލި އަދި އަލިފުށި ފަޅުން 10 ހެކްޓަރު - 20 ހެކްޓަރު (250،000 ޑޮލަރު)
- މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު - 4.28 ހެކްޓަރު (875،000 ޑޮލަރު)
- މ. މާއުސްފުށި - 10.40 ހެކްޓަރު (1.5 މިލިއަން ޑޮލަރު)
- ފ. އެނބުލުފުށި - 1.00 ހެކްޓަރު (350،000 ޑޮލަރު)
- ފ. ޖިންނަތުގައު - 0.89 ހެކްޓަރު (350،000 ޑޮލަރު)
- ތ. ކާއްޑޫ - 3.9 ހެކްޓަރު (700،000 ޑޮލަރު)
- ތ. އޮޅުފުށި އަދި އޮޅުފުށިފިނޮޅު - 3.54 ހެކްޓަރު (700،000 ޑޮލަރު)
- ލ. ކަށިދޫ - 3.1 ހެކްޓަރު (700،000 ޑޮލަރު)
- ލ. ބޮޑުމުންޏަފުށި - 3 ހެކްޓަރު(700،000 ޑޮލަރު)
- ލ. ދޮންބެރެހާ އަދި ހޮޅަރެހާ - 4.44 ހެކްޓަރު (500،000 ޑޮލަރު)
- ގއ. މާރެހާ - 17 ހެކްޓަރު (1.4 މިލިއަން ޑޮލަރު)
- ގއ. ފުނަދޫވިލިގިއްލާ - 5 ހެކްޓަރު (700،000 ޑޮލަރު)
- ގދ. ކަނޑަހަލަގަލާ - 7.4 ހެކްޓަރު (875،000 ޑޮލަރު)
- ގދ. ފެރޭތަ ވިލިގިއްލާ އާއި ދެކާނބާ އާއި ކޮޑެރަޓާ - 9.26 ހެކްޓަރު (700،000 ޑޮލަރު)