މި އަހަރުގެ މިހާތަނަށް ހަ ލައްކައަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފި އެވެ
ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 617،719 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 50 ޕަސެންޓް އިތުރު އަދަދެކެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 8.9 ޕަސެންޓް ދަށް އަދަދެެކެވެ.
ކޮންމެ މަހަކު ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދުތައް:
- ޖެނުއަރީމަހު – 131،764 ޓޫރިސްޓުން
- ފެބްރުއަރީ – 149،008 ޓޫރިސްޓުން
- މާރޗު – 150،739 ޓޫރިސްޓުން
- އޭޕްްރީލް – 145،279 ޓޫރިސްޓުން
- މޭ މަހުގެ 8 ވަނަ ދުވަހާ ހަމައަށް- 40،929 ޓޫރިސްޓުން
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިމަހުގެ މިހާތަނަށް ރާއްޖެއަށް ޓޫރިސްޓުން އައިސްފައިވާ އަދަދަކަކީ 2019 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައި 31،876 ޓޫރިސްޓުން އަޅާ ބަލާއިރު 28 ޕަސެންޓް އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަނީ އިނގިރޭސިވިލާތުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ޓޫރިސްޓުންގެ 12.8 ޕަސެންޓަކީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ޓޫރިސްޓުންނެވެ. 12.4 ޕަސެންޓް ހިއްސާއަކާއެކު ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން މިހާރު އަންނަނީ އިންޑިއާއިންނެވެ.
އަހަރު ފެށިގެން އައިއިރު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަމުން ދިޔަ ރަޝިއާ މާކެޓް މިހާރު ވަނީ ތިން ވަނައަށް ވެއްޓިފަ އެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އައިސްފައިވާ ޓޫރިސްޓުންގެ 9.7 ޕަސެންޓް ހިއްސާކުރަނީ އެ ގައުމުންނެވެ.
ރާއްޖެއިން ވަނީ މިއަހަރު ތެރޭގައި 1.6 މިލިއަން ޓޫރިސްޓުން ގެނައުމަށް އަމާޒް ހިފާފަ އެވެ. އަދި މި އަމާޒް ހާސިލްކުރުމަށްޓަކައި ރާއްޖޭގެ ޓޫރިޒަމް ދުނިޔެއަށް އިސްތިހާރުކޮށް ޕްރޮމޯޓުކުރުމަށްޓަކައި ސަރުކާރުންނާއި އަމިއްލަ ކުންފުންފުނިތަކުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.