ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ތިން މާއްދާއެއް ސަސްޕެންޑް ކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅައިފި އެވެ.
މިގަރާރު ހުށައެޅުއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އެވެ.
ސައީދުގެ ގަރާރުގައި ބުނެފައިވަނީ ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ހ) (ރ) އަދި (ބ) ސަސްޕެންޑް ކުރުމަށްފަހު މިހާތަނަށް 6.5 ބިލިއަން ރުފިޔާ ޗާޕްކޮށް، ޕަބްލިކް ބޭންކް އޯވަޑްރޯ ކުރެވިފައި ހުންނަ މިންވަރު ފައިނޭންޝަލް އިންސްޓުރޫމަންޓަކަށް ބަދަލުކޮށް އެއީ އެމްއެމްއޭ އިން ސަރުކާރަށް އިޝޫކޮށްފައިވާ 50 އަހަރުގެ އެމޯޓައިޒްޑް ބޮންޑަކަށް ބަދަލުކުރުމަށް ސަރުކާރުން މަޖިލީހަށް ހުށަހެޅުމުން މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ.
"ގާނޫނުގައި ކަޅާ ހުދުން މިމާއްދާތައް ލިޔެވިފައިވަނީ ގައުމުގެ އިގްތިސޯދު ނަގަހައްޓާ އަދި ސަރުކާރުން ނަގަމުންދާ ލޯނުތައް ވަކި މިންގަނޑެއްގެ ތެރޭގައި ހިފަހައްޓާ ހަރުދަނާ އިގްތިސޯދީ ސިޔާސަތުތަކެއް ތަންފީޒު ކުރުމަށާއި ދުނިޔެ ގަބޫލުކުރާ އެކައުންޓިން ހަމަތަކަށް ތަބާވެ ގައުމުގެ އިގްތިސޯދުގެ މައިތަނބު ރޫޅިގެން ދިޔަ ނުދިނުމަށްޓަކައި،" ގަރާރުގައިވެ އެވެ.
ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެން މިމާއްދާތައް ސަސްޕެންޑް ކުރީ ކޮވިޑް 19އާއި ގުޅިގެން ރާއްޖޭގެ އިގްތިސޯދަށް ލިބުނު ބޮޑެތި ގެއްލުންތަކާއި ގުޅިގެން ދަރަންޏަށް ފައިސާ ހޯދައިގެން ދައުލަތް ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށާއި ކޮވިޑްގެ ހާލަތު އާންމު ހާލަތަކަށް ބަދަލުވެފައިވާތީއާއި، ފަތުރުވެރިކަން ރަނގަޅުވެ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އުވާލާފައިވާ ކަމަށެވެ. އަދި ދުނިޔޭގައިވެސް ޕެންޑަމިކްގެ ހާލަތު ނެތް ކަން ޑަބްލިއުއެޗްއޯ އިން އިއުލާންކޮށްފައިވާތީއާއި، މިއަހަރު ރާއްޖޭގެ ޖީޑީޕީ 13 އިންސައްތަ އަދި އަންނަ އަހަރު 9.7 އިންސައްތަ ކުރިއަރާނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާތީ ސަސްޕެންޑް ކުރި މާއްދާތައް އުވާލުމަށް ގޮވާލާފައިވެ އެވެ.
ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ މާއްދާތައް ހިފަހައްޓާފައިވާތީ ފިނޭންސް މިނިސްޓްރީން ކުރަމުންދާ ކަންކަން މޮނިޓާ ކުރުމުގެ ފުރުސަތު ތިންވަނަ ފަރާތަކަށް ނުލިބޭ ކަމަށާއި އެކަމާ ގުޅިގެން ކޮރަޕްޝަނަށް މަގުފަހިވެ ސަރުކާރުން ބޭނުންވާހާ ގޮތަކަށް ލޯނު ނަގަން ފުރުސަތު ލިބި އިގްތިސާދަށް އޭގެ ނުރައްކާ ކޮށްފާނެ ކަމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ.
"އެކަމުގެ ސަބަބުން ދިވެހި ގައުމަށާއި ރައްޔިތުންނަށް އިއާދަނުކުރެވޭވަރުގެ ގެއްލުން ލިބިދާނެކަމުގެ ބިރު އޮތުމުން، މި ގާނޫނުގެ މާއްދާތައް ހިފަހައްޓާފައި އޮތްއޮތުން ނިމުމަކަށް ގެނައުމަށް ސަރުކާރަށް އިލްތިމާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 167 ވަނަ މާއްދާގެ ދަށުން މި ގަރާރު ހުށަހަޅަމެވެ." ގަރާރުގައިވެ އެވެ.