މިއަދު މި ފާހަގަކުރަނީ ހަމައެކަނި ފަތުރުވެރިކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތެއް ނޫން ކަމަށާއި މިއީ އެއަށްވުރެ މާ ބޮޑު މުނާސަބަތެއް ކަމަށާއި އެއީ ރާއްޖޭގެ މުޅި ތާރީޚުގައި، ރާއްޖެ އެންމެ ބޮޑަށް ބަދަލުކޮށްލި 50 އަހަރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން މަޓީން ކުރުނބާ މޯލްޑިވްސްގައި މިއަދު ހަވީރު ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ފާހަގަކުރެވެނީ، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އިންގިލާބީ ބަދަލުތަކެއް ގެނުވި 50 އަހަރު ކަމަށެވެ. އަދި މިއީ ތަރައްގީއާ މެދު ވިސްނާ ވިސްނުން ވެސް ބަދަލުކޮށްލި 50 އަހަރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"ފަތުރުވެރިކަން ރާއްޖެއަށް ތައާރަފްވިއިރުވެސް، ރާއްޖޭގައި އިގްތިސާދީ އެހެން ހަރަކާތްތައް ހިނގަމުން ދިޔަ. އަދި ފަތުރުވެރިކަން ފުޅާވަމުން ދިޔަ ވަރަކަށް، ދަނޑުވެރިކަމާއި މަސްވެރިކަމުގެ އުފެއްދުންތަކުގެ މާކެޓް ފުޅާވަމުން ދިޔަ. އިމާރާތްކުރުމުގެ ދާއިރާ ފުޅާކުރަން ޖެހުނު. ރާއްޖޭގެ މައިގަނޑު އެއް ސިނާޢަތުގެ ގޮތުގައި، އިމާރާތްކުރުމުގެ ދާއިރާ ދެމި މިއޮންނަނީ، ފަތުރުވެރިކަން ފުޅާވާތީ ކަމަށް ވެސް ދަންނަވަންޖެހޭ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ އިގްތިސާދީ ހަރަކާތްތައް ކުރިއްސުރެ ހިނގަމުން ދިޔަ ނަމަވެސް، ރާއްޖޭގެ އިގްތިސާދަށް ކުއްލި އިންގިލާބީ ހަލުވިކަމެއް ގެނެސްދިނީ ފަތުރުވެރިކަމުން ކަމަށެވެ. އަދި ފަތުރުވެރިކަން ފެށުމާއެކު، ރާއްޖޭގައި ކުރިން ނެތް އެތައް ދާއިރާތަކަކުން ވަޒީފާތައް އުފެދިގެންދިޔަ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީން ބޭއްވި ހަފުލާގައި ރައީސް ސޯލިހު ވާހަކަދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

"އާކިޓެކްޓުން، އިންޓީރިއާ ޑިޒައިނަރުން، އާޓިސްޓުން، ޓުއާ ގައިޑުން ފަދަ އެތައް މަގާމުތަކެއް އުފެދި، އާމްދަނީގެ ފުރުސަތުތައް ދިވެހިންނަށް ފަހިވެގެންދިޔައީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ 1980 އާއި 1990ގެ އަހަރުތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއާ އަލަށް ގުޅިވަޑައިގެންނެވި ވިޔަފާރިވެރިންގެ ސަބަބުން، މި އިންޑަސްޓްރީއަށް ވަރަށް ބޮޑެތި ބަދަލުތަކެއް އައި ކަމަށެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން، "މޯލްޑިވްސް"، މި ނަމަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ބާޒާރުގައި ބްރޭންޑް ނަމަކަށް ވެގެންދިޔަ ކަމަށާއި ދުނިޔޭގައި ނަން ހިނގާ އެންމެ ބޮޑެތި ހޮޓާތަކާއި ރިޒޯޓުތައް ރާއްޖޭގައި މިހާރު އެބަހުރި ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގައި ފަތުރުވެރިކަން ފެށްޓެވި ބޭފުޅުންގެ ފިޔަވަޅު މަތިން މި ސިނާއަތު އިތުރަށް ކުރިއަރުވައި، ތަރައްގީ ކުރެއްވި ބޭފުޅުންވެސް މި ހަފްލާގައި އެބަ ތިއްބެވި. އަޅުގަނޑު ދެކޭ ގޮތުގައި، އެ ހުރިހާ ބޭފުޅުންނަކީވެސް، ރާއްޖެ މިއަދު މި ދެކޭ ކުރިއެރުމާއި ތަރައްގީގެ ވަރަށް މުހިންމު ބައިވެރިންތަކެއް،" ޓޫރިޒަމް ތައާރަފުކުރި އިސްވެރިން ބައިވެރިވި އެ ހަފުލާގައި ރައީސް ވިދާޅުވި އެވެ.

ރާއްޖޭގައި ފަތުރުވެރިކަން ފެށްޓެވި ބޭފުޅުންގެ ފިޔަވަޅު މަތިން މި ސިނާއަތު އިތުރަށް ކުރިއަރުވައި، ތަރައްގީ ކުރެއްވި ބޭފުޅުންވެސް މި ހަފްލާގައި އެބަ ތިއްބެވި. އަޅުގަނޑު ދެކޭ ގޮތުގައި، އެ ހުރިހާ ބޭފުޅުންނަކީވެސް، ރާއްޖެ މިއަދު މި ދެކޭ ކުރިއެރުމާއި ތަރައްގީގެ ވަރަށް މުހިންމު ބައިވެރިންތަކެއް،
ރައީސް

ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ރަން ޔޫބީލް ފާހަގަކުރުމަށް، ކިތަންމެ އެވޯޑަކާއި، ކިތަންމެ މެޑެއްޔެއް ވެސް ދެވިދާނެ ކަމަށާއި ތާރީފުގެ ކިތަންމެ ބަސްތަކެއްވެސް ތަކުރާރު ކުރެވިދާނެ ކަމަށެވެ. ނަމަވެސް، މި މުހިންމު ސިނާއަތު ރާއްޖޭގައި ފަށްޓަވައި ތަރައްގީ ކުރެއްވުމަށް އެބޭފުޅުން ކުރެއްވި ބުރަ މަސައްކަތުގެ ހަގީގީ އަގު އަޅުގަނޑުމެންނަށް ވަޒަނެއް ނުކުރެވޭނެ ކަމަށާއި މުޅި ގައުމު ވަނީ އެ ބޭފުޅުންގެ އެ ޚިދުމަތަށް ދަރަނިވެރިވެފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"މި ފަސްގަނޑުގައި ދިވެހިން އުޅެމުންދާހާ ހިނދަކު އެ ބޭފުޅުންގެ އަގު ވަޒަންކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ 2020 ވަނަ އަހަރު ފެށިގެން އައީ ދުނިޔެ މިހާތަނަށް ކުރިމަތިލާން ޖެހުނު، އެންމެ ބޮޑު އާލަމީ ބަލިމަޑުކަމާއެކު ކަމަށާއި ކޮވިޑް-19 ވެގެންދިޔައީ، މިހާތަނަށް އެންމެ ހަލުވިކަމާއެކު މުޅި ދުނިޔެއަށް ފެތުރިގެންދިޔަ ވަބާއަށް ކަމަށް ވިދާޅުވި އެވެ. އަދި ކޮރޯނާ ވައިރަސް، މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި ކަމަށާއި ގައުމުތަކުގެ ބޯޑަރުތައް ބަންދުކުރަން ޖެހުނު ކަމަށާއި ރާއްޖެ ފަދަ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ގައުމަކަށް، މިކަން ވީ ވަރަށް ދަތި އުނދަގޫ ކަމަކަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ދުނިޔޭގެ ގައުމުތަކުގައި ކޯވިޑް-19 ފެތުރޭ ކަމުގެ ޚަބަރު ލިބުމާއެކު، އެންމެ ފުރަތަމަ އަޅުގަނޑު ބައްދަލުކުރި ބޭފުޅުންގެ ތެރޭގައި މަޓީގެ ބޭފުޅުން ހިމެނޭނެ. 2020 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ މެދުތެރޭގައި ބޭއްވި އެ ބައްދަލުވުމުގައި ކުރެވުނު މަޝްވަރާތަކަށް ފަހު، ރާއްޖެއަށް ފަތުރުވެރިން އުފުލާ ބައެއް ފްލައިޓްތައް ކެންސަލް ކުރަން ޖެހުނު. އަދި 27 މާޗް 2020 ގައި ރާއްޖޭގެ ބޯޑަރުތައް މުޅިން ބަންދުކުރަން ސަރުކާރުން ނިންމަން ޖެހުނު. އެއީ ވަރަށް ދަތި އުނދަގޫ ނިންމުމެއް. އެ ނިންމުން އަޅުގަނޑު ނިންމީ ބައެއް ބޭފުޅުންގެ ވިސްނުމާ ދެކޮޅަށް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޒޯޓުތައް މުޅިން ބަންދުކޮށްފައި ބޭއްވުމަކީ، ހީނުކުރާވަރުގެ ބޮޑު ގެއްލުމެއް، ރިޒޯޓް ހިންގާ ފަރާތްތަކަށް ވާނެ ކަމެއްކަން އޭރުވެސް އިހުސާސް ކުރެވޭ ކަމަށެވެ. އެހެންކަމުން، ރާއްޖެ ފުރަބަންދުކޮށްފައި އޮތް ދުވަސްވަރު، ސަރުކާރުގެ ފަރާތުން ކޮށްދެވެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެން އައީ ފޯރުކޮށްދެމުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ތިން މަސްދުވަހަށްފަހު، ޖުލައި 15، 2020 ގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލީ، ހަމަ ބައެއް ބޭފުޅުންގެ ވިސްނުމާ ވެސް އިދިކޮޅަށް. އެހެން ނަމަވެސް، އެ ދަނޑިވަޅުގައި ރާއްޖޭގެ ބޯޑަރުތައް އަލުން ހުޅުވައިލުމަށް ނިންމި ނިންމުމަކީ ހަމަ ހަގީގަތުގައި ވެސް ރަނގަޅު ނިންމުމެއް. މިއަދު އަޅުގަނޑުމެން މިތިބަ ހިސާބަށް އާދެވިފައި މިތިބީ އެ ނިންމުމުގެ ސަބަބުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ މިއަދުވެސް ދުނިޔޭގެ އިގުތިސޯދު އޮތީ ހަމަ މާ ފަހި ދުވެއްޔެއްގައެއް ނޫން ކަމަށާއި ޔޫރަޕްގެ އިރުމަތީ ބިތުގައި އެ ކުރާ ވަރުގަދަ ހަނގުރާމަ، މުޅި ދުނިޔެއަށް ނުރައްކާކޮށްފި ކަމަށެވެ. އަދި އިގްތިސޯދުތައް ހީނަރުކޮށް، ދަތުރުފަތުރަށް ބުރޫ އަރުވައިފި ކަމަށް ވިދާޅުވި އެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަމާ މެދު ސުވާލު އުފެދެން ފަށައިފި ކަމަށާއި މިފަދަ ހައްސާސް ދަނޑިވަޅެއްގައި ކޮންމެ ގައުމަކަށްވެސް އަމާންކަމުގެ އައްސޭރިއަށް ދެވޭނީ، ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ރާއްޖޭ ޓޫރިޒަމަށް 50 އަހަރު ފުރުން ފާހަގަކުރުމަށް މަޓީން ބޭއްވި ހަފުލާގައި ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

"ފަތުރުވެރިކަން ސިންދަފާތުކޮށް ކުރިއެރުވުމަށްޓަކައި ސަރުކާރުން އަބަދުވެސް މިގެންދަނީ މަސައްކަތް ކުރަމުން. އެގޮތުން ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް އަޅުގަނޑުމެން އެބަ ގެންނަން. ސްޓްރާޓާ އުސޫލުން ވިލާ ނުވަތަ ކޮޓަރި ކުއްޔަށް ދިނުމާއި، އިންޓަގްރޭޓެޑް ޓޫރިސްޓް ރިޒޯޓް އަދި ޕްރައިވެޓް އައިލެންޑްގެ ފަތުރުވެރިކަން މިހާރު ވާނީ ގާނޫނީ އޮނިގަނޑުގެ ތެރޭގައި ހިމަނާފައި. މިއީ ފަތުރުވެރިން ދިގު މުއްދަތަކަށް ރާއްޖޭގައި ތިބުމަށް ޚާއްޞަކޮށްފައިވާ ޕްރޮޑަކްޓްތަކެއް. މީގެ އިތުރުން ވެސް، މި އިންޑަސްޓްރީގެ ކަންކަން ފަސޭހަކޮށްދިނުމަށްޓަކައި ސަރުކާރުގެ ފަރާތުން ކޮށްދެވެން ހުރި ހުރިހާ ކަމެއް އަޅުގަނޑުމެން ކޮށްދޭނެ ކަމުގެ ޔަގީންކަން މިއަދުވެސް ތިޔަބޭފުޅުންނަށް އަރުވަން،" ޓޫރިޒަމް އިންޑަސްޓްރީގެ އިސް ފަރާތްތައް ބައިވެރިވި އެ ހަފުލާގައި ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތް ތަރައްގީވަމުންދާ ހަލުވި ދުވެއްޔާ އަޅައިބަލާއިރު، މިހާރު އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ކެޕޭސިޓީ އިތުރުކުރުން ކަމަށެވެ.

" އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު، ޓަރމިނަލްގެ މަސައްކަތްތައް ހުރީ އެކި ހިސާބުތަކުގައި މަޑުޖެހިފައި. އެކިއެކި ސަބަބުތަކާ ހެދި. އެކަންކަން ޙައްލުކުރުމަށްފަހު، މިހާރު އަލުން އެ މަސައްކަތްތައް ފަށައިގެން ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ހަދަމުންދާ ޓާމިނަލްގެ ޚިދުމަތް ދޭން ފެށުމުން، އަހަރަކު 7.2 މިލިއަން ފަސިންޖަރުންނަށް އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށެވެ. އަދި އޭގެ އިތުރުން، އަތޮޅުތަކުގައި ތަރައްގީކުރާ އިތުރު އެއާޕޯޓްތަކުގެ ސަބަބުން ވެސް، ފަތުރުވެރިކަން އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.