ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އެއް މިލިއަން ހަމަވެ، އެއް މިލިއަން ވަނަ ޓޫރިސްޓަށް ހޫނު މަރުހަބާއެއް މިއަދު ކިޔައިފި އެވެ.
އެއް މިލިއަންވަނަ ޓޫރިސްޓަކަށް ހޮވުނީ ޗެކް ރިޕަބްލިކްގެ ޑެނިއެލާ ކިލްނަރޯވާ އެވެ. އޭނާއަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ވަނީ ބޮޑުބެރުގެ ހަރަކާތްތަކާއެކު މަރުހަބާ ކިޔާފަ އެވެ.
އެއް މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ، މޯލްޑިވްސް އިމިގްރޭޝަން އަދި އެމްއޭސީއެލްގެ އިސް ބޭފުޅުން އެއާޕޯޓުގައި ކުރިއަށްދިޔަ ހަރަކާތުގައި ބައިވެރިވި އެވެ.
އެއް މިލިއަން ވަނަ ޓޫރިސްޓް ރާއްޖެއަށް އައީ ގަތަރު އެއަރވޭސްގެ ފްލައިޓެއްގަ އެވެ.
ޗެކް ރިޕަބްލިކްގެ ޑެނިއެލާ ކިލްނަރޯވާ ރާއްޖެއަށް އައީ ޗުއްޓީ ދަތުރެއްގަ އެވެ. މިއީ އޭނާ ރާއްޖެއަށް އައި ތިންވަނަ ފަހަރު ކަމަށާއި، ރާއްޖެއަކީ ހިތްހަމަ ޖައްސާލާ ހަމަޖެހިލަން އެންމެ ކަމުދާ މަންޒިލް ކަމަށް ޑެނިއެލާ ބުންޏެވެ.
"ވަރަށް ސަޕްރައިޒް ވެފަ މިހުރީ އެއް މިލިއަން ވަނަ ފަތުރުވެރިއާއަށް ހޮވުނީމަ، ރާއްޖެއަށް އައި މިއީ ތިންވަނަ ފަހަރު، ފުރަތަމަ ރާއްޖެއައީ މީގެ 10 އަހަރު ކުރިން، ކޮންމެ ފަހަރަކުވެސް ތިބެނީ ތަފާތު ރިސޯޓެއްގައި، މިފަހަރު ތިބުމަށް ހަމަޖެހިފައިވަނީ ރޮބިންސަން ރިސޯޓުގައި،" ޑެނިއެލާ ބުންޏެވެ.
އެއް މިލިއަންވަނަ ޓޫރިސްޓަށް މަރުހަބާ ކިޔުމަށް ބޭއްވި ހަރަކާތުގައި މީޑިއާއާ ވާހަކަދައްކަވަމުން މިނިސްޓާ އޮފް ސްޓޭޓް ފޯ ޓޫރިޒަމް ޑރ. އަހުމަދު ސޯލިހު ވިދާޅުވީ، ތާރީޚަށް ބަލާލާއިރު އަހަރުގެ މިހާ ހިސާބަށް ދާއިރު އެއް މިލިއަން ޓޫރިސްޓުން ރާއްޖެއަށް އައިސްފައިވަނީ މީގެ ކުރިން އެންމެ އަހަރެއްގައި ކަމަށެވެ.
"މި ދައްކައިދޭ އެއްޗަކީ، ސަރުކާރުގެ ޕޮލިސީތަކާއި، އިންޑަސްޓްރީއާއި ގުޅިގެން ކުރެވޭ މަސައްކަތްތަކުގެ ފޮނި ނަތީޖާ މި ފެންނަނީ، އެކަމަށްޓަކައި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.
މި ހަރަކާތުގެތެރެއިން، އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ވިދާޅުވީ ރާއްޖެ އިޝްތިހާރުކުރުމަށް ކުރާ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށްދާއިރު، ކޮވިޑަށްފަހު މިހާރު ފިސިކަލްކޮށް ފެއާތަކުގައި ބައިވެރިވުމުގެ ފުރުސަތު ފަހިވެފައިވާ ކަމަށެވެ.
"މިއަހަރުގެ މިހާތަނަށް ވެސް 12 ފެއާއެއްގައި ބައިވެރިވެފައިވާނެ. އަދި އަހަރުގެ ކުރިއަށް އޮތްތާގައި އިތުރު 15 ފެއާއެއްގައި ބައިވެރިވުމަށްވަނީ ހަމަޖެހިފައި،" ތޮއްޔިބު ވިދާޅުވި އެވެ.
ރާއްޖެއަށް މިހާރު އެއް މިލިއަން ޓޫރިސްޓުން ޒިޔާރަތްކުރިއިރު، ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ޒިޔާރަތްކުރަނީ އިންޑިއާއިންނެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ މަންޒިލަކަށް އިނގިރޭސިވިލާތެވެ. އަދި ތިންވަނައަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން ރާއްޖެއަށް އަންނަނީ ރަޝިއާއިންނެވެ.
މިއަހަރު ކަނޑައަޅާފައިވަނީ 1.6 މިލިއަން ފަތުރުވެރިންގެ އަމާޒު ހާސިލްކުރުމަށެވެ.