ގދ. އަތޮޅުގައި ހިންގާ އަމާރީ ހަވޮއްޑާ މޯލްޑިވްސް ރިސޯޓް ވިއްކާލަން ނިންމައިފި އެވެ.
ހޮޓާ އަދި ރިސޯޓުތައް ވިއްކުމުގައި ހަރަކާތްތެރިވާ ދުނިޔޭގެ ފާހަގަކޮށްލެވޭ ކުންފުންޏެއް ކަމަށްވާ ޖޭއެލްއެލް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ ހަވޮއްޑާއަކީ 2016 ވަނަ އަހަރު ރިސޯޓް ހުޅުވި ފަހުން ގެއްލުން ނުވެ ހިންގަމުން ދިޔަ ރިސޯޓަކަށް ވާތީ އެ ރިސޯޓް ގަންނަ ފަރާތަކަށް ދެ ފައިދާއެއް ލިބޭނެ ކަމަށެވެ.
އެއީ ވަގުތުން ރަގަޅު ފައިދާއެއް ލިބުމާއި އެ ރިސޯޓް ގަންނަ ބަޔަކަށް އެ ބައެއްގެ އަމިއްލަ ބްރޭންޑްގައި ރިސޯޓް ހިންގުމުގެ ފުރުސަތު ވެސް ލިބޭތީ ކަމަށް ބުނެފައިވެ އެވެ.
މި ރިސޯޓުގައި ވޯޓާ ވިލާ އާއި ބީޗް ވިލާ ހިމަނައިގެން 120 ކޮޓަރި ހުރެ އެވެ.
ތައިލެންޑްގެ އޮނިކްސް ހޮސްޕިޓާލިޓީ ގްރޫޕްގެ އެއް ބްރޭންޑް "އަމާރީ"ގެ ދަށުން މިވަގުތު ހަވޮއްޑާ ހިންގި ނަމަވެސް އެރަށް އެންމެ ފުރަތަމަ ކުއްޔަށް ނެގީ ލަންކާގެ އެންމެ ބޮޑު އެއް ކޮންސްޓްރަކްޝަން ކުންފުނީގެ ތެރޭގައި ހިމެނޭ ސަންކެން އޯވަސީސްގެ ބޮޑު ހިއްސާއެއް އޮތް ކްރިސްޓަލް ޕްލާޒާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުންނެވެ.