ދުނިޔެއަށް ކުރިމަތިވި ކޮރޯނާވައިރަސް (ކޮވިޑް-19) ރޯގާގެ ސަބަބުން މުޅި ދުނިޔޭ މިވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ގައުމެއް ފަހު ގައުމެއް ފަތަހަކުރަމުން ގޮސް މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްފި އެވެ.
ލޮލަށް ނުފެންނަ ކުޑަކުޑަ ވައިރަސްއެއް އިންސާނުންގެ އަރާމާއި ހިތްހަމަޖެހުން ނަގާލައިފި އެވެ. މިކަމުން ސަލާމާތްވާނެކަމުގެ އެއްވެސް މަގެއް، އުންމީދެއް ނުފެނި ތިއްބާ ވެކްސިން އުފައްދާ އެމެރިކާގެ ކުންފުންޏަކުން މިވަނީ އުންމީދު އާކޮށްދީފަ އެވެ. ފައިޒާ އަދި ބަޔޯ އެން ޓެކުން ކޮވިޑް-19 އަށް އުފެއްދި ކާމިޔާބު ވެކްސިން ބޭނުންކުރުމަށް ބައެއް ގައުމުތަކުން މިވަނީ ހުއްދަ ވެސް ދީފަ އެވެ.
ނަމަވެސް މިހާރު މިވަނީ އެހެން ދަތިކަމަކާއި ވިސްނަންޖެހިފަ އެވެ. ކޮވިޑް-19 އަށް އުފެއްދި ވެކްސިން ދުނިޔޭގެ އެކިކަންކޮޅުތަކަށް ގެންދާނެ ގޮތަކާމެދު އެވެ. ވަކި ޓެމްޕަރޭޗަރެއްގައި ރައްކާކޮށްފައި ބެހެއްޓުމާއި އަދި އެއްތަނުން އަނެއްތަނަށް ގެންދިއުމުގައި ވެސް ވަކި ފިނިހޫނުމިނެއް ހިފަހައްޓަންޖެހެ އެވެ. ކޮންމެ އަގެއްގައި ނަމަވެސް މި މުހިންމު މަސައްކަތް މިވަނީ ކުރަންޖެހިފަ އެވެ.
ޖަރުމަނުގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ ލުފްތަންސާއިން މިވަނީ ކޮވިޑްގެ ސަބަބުން މަޑުޖެހިފައިވާ އެކުންފުނީގެ ކާގޯ މަތިންދާބޯޓްތައް ބޭނުންކޮށް މިމަސައްކަތްކުރުމަށް ފަށައިފަ އެވެ. 20 މެންބަރުންގެ ޓާސްކްފޯހެއް އެކުލަވާލައި ލުފްތާންސާއިން ވަނީ މި އަހަރު އެޕްރީލް މަހުން ފެށިގެން އެކުންފުނީގެ ކާގޯ މަތިންދާބޯޓް ބޮއިން 777 އަދި އެމް.ޑީ-11 ގައި ކޮވިޑް ވެކްސިން ގެންދެވޭނެ ގޮތެއް ފެނޭތޯ މަސައްކަތް ފަށާފަ އެވެ.
ލުފްތާންސާގެ ފަރާތުން މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ތޯސްޓެން ބްރައުން ވިދާޅުވިގޮތުގައި މަތިންދާބޯޓް ތަކުގައި ވެކްސިން އުފުލުމުގެ މަސައްކަތަކީ ވަރަށް ބުރަ އަދި ބޮޑު މަސައްކަތެކެވެ. މި ދުވަސްވަރަކީ ކޮވިޑްގެ ސަބަބުން ދަތުރުތަށް މަދުވެ ކުރިމަތިވި އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް ގިނަ އެއާލައިންތަކުން ހަރަދުތައް ހަމަޖެއްސުމަށް ގިނަ ބަޔަކު ވަޒީފާއިން ވަކިކޮށް ދަތުރުކުރާ މަންޒިލްތައް މަދުކުރާ ދުވަސްވަރެއްކަމުން އަދި އަމުދުން މިމަސައްކަތަށް އިތުރަށް ބުރަވެގެންދާނެ އެވެ.
އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އިން ލަފާކުރާ ގޮތުގައި 14 ބިލިއަން ޑޯޒް ވެކްސިން ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަށް އުފުލުމަށް 110 ޓަނުގެ ބޮއިން 747ގެ ބޯޓްތަކަށް ދެ އަހަރު ނަގާނެ އެވެ. ދުނިޔޭގެ ވައިގެ ދަތުރު ފަތުރުގައި ބޭނުންކުރާ ބޯޓްތަކުގެ ތެރެއިން ތިންބައިކުޅަ އެއްބައި ބޯޓްތައް އަދިވެސް ވީ ގްރައުންޑްކޮށްފަ އެވެ.
ވެކްސިން އުފައްދާ ކުންފުނި ފައިޒާއިން އަންނަ އަހަރު ނިމެންވާއިރަށް 1.3 ބިލިއަން ޑޯޒްގެ ވެކްސިން އެކި ގައުމުތަކަށް ފޮނުވުމަށް ޕްލޭންކުރެ އެވެ. މެޑޯނާއިން 500 މިލިއަން ޑޯޒްގެ ވެކްސިން އުފެއްދުމަށް ނިންމާފައިވެ އެވެ. އަސްޓްރާޒެނެކާ އަށް ދެ ބިލިއަށް ޑޯޒްގެ ވެކްސިން އުފެއްދުމުގެ ގާބިލްކަން ލިބިފައިވެ އެވެ. އަދި މިކުންފުނިން އުފައްދާ ވެކްސިންގެ ދެބައިކުޅަ އެއްބައި ވެކްސިން ފޮނުވުމަށް ހަމަޖެހިފައިވަނީ ތަރައްގީ ވަމުން އަންނަ ގައުމުތަކަށެވެ.
"އަހަރުމެން ކުރަންޖެހޭ ކަމަކީ ވަރަށް އަވަހަށް ދުނިޔެ ފައިމައްޗަށް ތެދުކުރުން. އެކަންކުރުމަށް އަހަރުމެން ކުރަންޖެހޭނެ ކަމަކީ ކޮވިޑް ވެކްސިން އެބޭނުންވާ މީހުންނަށް ފޯރުކޮށްދިނުން. އޭރުން އަނެއްކާވެސް ވައިގެ ދަތުރުފަތުރު ފެށިގެންދާނީ،" އެމިރޭޓްސްގެ އެއާލައިންގެ ކާގޯ އާ ބެހޭބައިގެ ނާއިބް ރައީސް ޑެނިސް ލިސްޓާ ވިދާޅުވި އެވެ.
ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތައް
އެއާ ކާގޯ އުފުލުމަށް މުޅި ދުނިޔޭގައި ވެސް ބޭނުންކުރަނީ 2،000 އެއްހާ ބޯޓެވެ. މި ބޯޓްތަކުގައި މަތިން އުފުލާ ކާގޯގެ ދެބައިދުޅަ އެއްބައި އުފުލެވެ. ބާކީ ހުރި ކާގޯ އުފުލަނީ ފަސިންޖަރުން އުފުލުމަށް ހާއްސަކުރެވިފައިވާ 22،000 ބޯޓުތަކުންނެވެ. ކުރިއާ ހިލާފަށް ވައިގެ ދަތުރުކުރާ ފްލައިޓްތައް މަދުވުމާއި، ދަތުރުކުރާ މަންޒިލްތައް މަދުވުން ވެގެންދާނީ ވެކްސިން ފޯރުކޮށްދިނުމަށް އެޅޭނެ އެންމެ ބޮޑު ހުރަހެވެ.
ފައިޒާ އަދި ބައޯ އެން ޓެކްގެ ވެކްސިން އުފުލާއިރު ރައްކާކޮށްފައި ބަހައްޓަންޖެހެނީ މައިނަސް 70 ޑިގްރީ ސެލްސިއެސްގަ އެވެ. މި ޓެމްޕަރޭޗާއަކީ ދުނިޔޭގެ އެންމެ ފިނި ތަން އެންޓާޓިކާގެ ފިނިހޫނުމިނަށްވުރެ ފިނި މިންވަރެކެވެ. މި ވެކްސިން އުފުލާނީ ފައިޒާ ކުންފުނިން މިކަމަށް ހާއްސަކޮށްގެން އުފައްދާފައިވާ ތާމަލް އިންސިއުލޭޓެކް ކޮންޓެއިނާއެއްގަ އެވެ. މިކޮންޓެއިނާއަށް ޑްރައި އައިސް ރިފިލްކުރުމުން 15 ދުވަސް ވަންދެން ފިނިކަން ބެހެއްޓޭނެ ކަމަށް ފައިޒާއިން ބުނެ އެވެ. އަދި ހޮސްޕިޓަލްތަކުގެ ފްރިޖްގައި މައިނަސް 8 އާއި މައިނަސް 2 ޓެމްޕަރޭޗާގައި 5 ދުވަސް ވަންދެން ގެންގުޅެވޭނެ އެވެ. ވެކްސިންގެ ފިނިކަން ކެނޑިއްޖެނަމަ ދެވަނަ ފަހަރަކަށް ފިނިކޮށްގެން ބޭނުމެއް ނުކުރެވޭނެ އެވެ.
ކޮވިޑް ވެކްސިން އުފައްދާ ކުންފުނިން ފެށިގެން ކުރިއަރާފައިވާ ގައުމުތަކުގެ ހޮސްޕިޓަލްތަކާއި ހަމަޔަށް ވެކްސިން އެންމެ ރަނގަޅު ހާލަތުގައި ގެންދެވުނަސް، ވެކްސިން ރައްކާކުރާނެ ފަދައެއް ނެތް ގައުމުތަކަށް މިވެކްސިން ފޯރުކޮށްދިނުންވާނީ މިކަމުގައި އެންމެ އުނދަގޫ މަސައްކަތް ކަމަށް އދ. ގެ ހިޔުމެނިޓޭރިއަން ރިލީފް އެޖެންސީއިން ލަފާކުރެ އެވެ.
އެ ޖަމްއިއްޔާއިން ވަނީ 170 ގައުމަށް ވެކްސިން ފޯރުކޮށްދިނުމުގައި އެހީތެރިވާނޭ އެއާލައިން ހޯދުމުގެ މަސައްކަތްފަށާފަ އެވެ. ޔުނިސެފުން ވަނީ ނޮވެމްބަރު މަހުގައި ދުނިޔޭގެ އެންމެ ފަގީރު 92 ގައުމަށް ވެކްސިން ފޯރުކޮށްދިނުމަށް މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފަ އެވެ.
ކޮވިޑް ވެކްސިން ގައުމުތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތްކުރާ މިދަނޑިވަޅުގައި މި ވެކްސިންގެ ފޭކް ވެކްސިން އުފައްދައިގެން ވިއްކުމާއި އަދި ޑެލިވަރީ އޮޕަރޭޝަންތަކަށް ބުރޫއެރުވުމުގެ އެކިއެކި މަސައްކަތް އެކިފަރާތްތަކުން ކުރާނެ ކަމަށް އިންޓަޕޯލްއިން ވަނީ އިންޒާރުކޮށްފަ އެވެ. އަޔާޓާއިން ވެސް ވަނީ މިފަދަ ކަންތައްތަކެއް ހިނގާފާނެ ކަމަށާއި އަދި ވެކްސިން ފޯރުކޮށްދޭ ފަރާތްތަކުން އެކަށީގެންވާ ފިޔަވަޅު އެޅުމަށް އިލްތިމާސްކޮށްފަ އެވެ. -- ބްލޫންބާގް