ދައުލަތުގެ އާމްދަނީ އިތުރުކުރުމަށް ބައެއް ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ގާނޫނަށް ހުށަހެޅި ބިލުގެ މަސައްކަތް މިއަދު ރައްޔިތުންގެ މަޖިލީހުން ފަށައިފި އެވެ.
އަންނަ އަހަރު ޖަނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމަށްޓަކައި ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު އެވެ.
ޝިފާއުގެ އިސްލާހުގައި ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.
ބިލު ހުށަހެޅި ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ ދައުލަތުގެ ހަރަދުގެ ސިޔާސަތުތަކާއި ދުނިޔޭގެ އިގްތިސާދަށް އަންނަ ބަދަލުތަކުގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް ފިޔަވަޅުތަކެއް އެޅުމަށާއި ދައުލަތުން ކުރަން ޖެހޭ ރިކަރަންޓް ހަރަދު ދައުލަތަށް ލިބޭ އާމްދަނީން ހަމަޖެއްސުމަށާއި އަދި ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމުގެ ގޮތުން ޓޫރިޒަމް ދާއިރާގެ ޓީޖީއެސްޓީ އާއި އެ ނޫން ވިޔަފާރިތަކުން ނަގާ ޖީއެސްޓީ ރޭޓް މަތިކުރުމެވެ.
އަދި މި ފިޔަވަޅުތައް ނާޅައިފި ނަމަ، އާމްދަނީން ރިކަރަންޓް ހަރަދުތައް ހަމަނުޖެއްސޭނެ ކަމަށް ފިސްކަލް ސްޓްރެޓަޖީގެ އަންދާޒާތަކުން ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީންވެސް ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ.