މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރުމަށް ތާއީދު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ އާމްދަނީ އިތުރުކުރުމުގެ ގޮތުން ސަރުކާރުން ވަނީ ޓީޖީއެސްޓީ މިހާރު ނަގަމުންދާ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރަން ހުށަހަޅައިފަ އެވެ. އަދި ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތައަށް ބޮޑުކުރަން ސަރުކާރުން ހުށަހެޅި އެވެ. މި އިސްލާހު ގާނޫނަށް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށްވެސް މިހާރު ވަނީ ފޮނުވައިފަ އެވެ.
ވަގުތު އޮންލައިންއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ނަގާ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަންޖެހޭކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ހުށަހަޅާފައިވާ މިންވަރަށް ބޮޑުކުރަން ތާއީދު ނުކުރައްވާކަމަށް ނަޝީދު ވިދާޅުވި އެވެ.
އެގޮތުން، ތަކެތީގެ އަގު އިންތިހާއަށް އުފުލެމުން އަންނަ ދަނޑިވަޅެއްގައި ރައްޔިތުންގެ އަތުން ނަގާ ޓެކްސް ދެ އިންސައްތަ އަށް އިތުރު ކުރުމުން ރައްޔިތުންނަށް އޭގެ އަސަރު ކުރާނެ ކަމަށާއި، އޭގެ ބަދަލުގައި އެއް އިންސައްތަ އަށް ނުވަތަ ބައި އިންސައްތަ އަށް ޖީއެސްޓީ ބޮޑުކުރެވިދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އެންމެ ބޮޑުވެގެން ޖީއެސްޓީ ނަގަންޖެހޭނީ 7 އިންސައްތައަށް ކަމަށެވެ. ކުއްލިއަކަށް ދެ އިންސައްތައިން ޖީއެސްޓީ، ހަތަރު އިންސައްތައިން ޓީއެސްޓީ ބޮޑުކުރުމުން އިންފްލޭޝަން އުފުލިގެންދާނެކަމަށް ނަޝީދު ވިދާޅުވި އެވެ.
ފަތުރުވެރިކަމުގެ ސިނާއަތުން ނަގާ ޓީޖީއެސްޓީ އަށް އަލިއަޅުއްވާލައްވާ ރައީސް ނަޝީދު ވިދާޅުވީ، އެއް ފަހަރާ އެ ސިނާއަތުން ނަގަމުން އަންނަ ޓެކްސް ބޮޑުކޮށްފިނަމަ އެކަމުގެ އަސަރު މުޅި ސިނާއަތައް ކުރާނެ ކަމަށާއި، ޓީޖީއެސްޓީ ބޮޑު ކުރުމުން ރިސޯޓް ތަކުގެ އަގު މަތިވާނެ ކަމަށެވެ. މިކަމުގެ ސަބަބުން ރިޒޯޓުތަކުގެ ޑިމާންޑު ދަށަށްގޮސް ރާއްޖެއަށް ވަންނަ އާމްދަނީ އިތުރުވެދާނެތޯ ވިސްނަންޖެހޭކަމަށް ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް ނަޝީދު ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމުގެ ބަދަލުގައި އެހެނިހެން ގޮތްގޮތުން ދައުލަތުގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމުގެ މަންފާ ހޯދުމަކީ މުހިންމުކަމެއްކަމަށް ވިދާޅުވެފަ އެވެ.
ޖީއެސްޓީ ބޮޑުކުރުމުގެ ބިލު ސަރުކާރުން މަޖިލީހަށް ފޮނުވީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ. ބެލެވޭ ގޮތުގައި އެމްޑީޕީގެ އަގުލަބިއްޔަތު ތާއީދު މިކަމަށް ލިބުމާއިއެކު ބިލު ފާސްވާނެ އެވެ. އަދި އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރާނެ އެވެ.
ތީ ވ ރަގަޅުގޮތެއް ރަށްޔިތުންނައް މިހާރުޅުމަން ވ ދަތިތަކެތީގެއަގިބޮޑުކަމުން ރަށްޔިތުންނަށް އޯގާތެރިކަމެތް ހާދަނެތޭ އަނެއްފަހަރުވެރިރިކަމަށްއަރަށް ފާނަގާއިރު