ހަނިމާދޫ އެއަޕޯޓް ތަރައްޤީގެ ބޮޑު މަޝްރޫއަކީ މާލެއިން ބޭރުގައި ކުރިއަށްދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށާއި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް އަންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުމަށް ހިންގަން ނިންމާފައިވާ ބޮޑު މަޝްރޫއުގެ އެއްބަސްވުމުގައި މާދަމާ ރޭ ސޮއިކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މިކަމާއި ގުޅިގެން ފިނޭންސް މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ހަނިމާދޫ އެއާޕޯޓް ތަރައްޤީގެ ބޮޑު މަޝްރޫއަކީ ބޮޑު ތިލަދުންމަތި އިތުރުން، މުޅި ރާއްޖޭގެ އިގްތިސާދަށް އިންގިލާބީ ބަދަލެއް ގެންނާނެ މަޝްރޫއެއްކަމަށެވެ. އަދި މިއީ މާލެއިން ބޭރު ސަރަހައްދެއްގައި ރާއްޖޭގެ ތާރީޚުގައިވެސް ކުރެވޭ އެންމެ ބޮޑު އެއް އިންވެސްޓްމެންޓްކަމަށް އަމީރު ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫއަކީ 2019 ވަނަ އަހަރު އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެއަށް ހަމަޖައްސާދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންނާ މަޝްރޫއެކެވެ. ދެ ބިލިއަން ރުފިޔާގެ އަގު ބޮޑު މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޑެޓާ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް ޢިމާރާތްކުރެވޭނެ ކަމަށެވެ. އަދި މިމަޝްރޫޢު ނިމުމުން އެއާބަސް A320 އާއި ބޯއިން 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ޚިދުމަތް ދެވޭނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެ އެވެ.
އޭގެ އިތުރުން އިކޮނޮމިކް މިނިސްޓްރީން ބުނީ މެދުއިރުމައްޗާއި، ދެކުނު އޭޝިއާއާއި، ދެކުނު އިރުމަތީ އޭޝިއާއާއި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދުއަށް އޮޕަރޭޓްކުރުމުގެ ގާބިލުކަން ލިބިގެންދާނެ ކަމަށެވެ.