އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ބޮޑު ބަޖެޓެއް ހުށައެޅީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށައަޅާފައިބަނީ 41.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މިކަމާ ގުޅިގެން މެންބަރު އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބޮޑު ބަޖެޓާއެކު ރައްޔިތުން އިތުރަށް ދަރަނިވެރި ކުރުވާނެ ކަމަށެވެ. އަދި ލިބޭ އާމްދަނީއަށް ވުރެ ބޮޑު ބަޖެޓެއް ސަރުކާރުން ހުށައެޅީ ރިޔާސީ އިންތިހާބުގެ ވޯޓަށް ނުފޫޒު ފޯރުވަން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން އާދަމް ޝަރީފް ވިދާޅުވީ ސަރުކާރު ހިންގުމުގެ ހަރަދު މިހާރުން މިހާރަށް ކުޑަނުކޮށްފި ނަމަ 2023 ނިމުމުގެ ކުރިން ރާއްޖެ ބަގުރޫޓް ވާނެ ކަމަށެވެ. ދައުލަތަށް ލިބޭ އާމްދަނީގެ ބޮޑު ބައެއް ހަރަދުކުރަނީ ރިކަރަންޓް ޚަރަދަށް ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ސަރުކާރު އޮތީ ސިޔާސީ މީހުން ގިނަވެ މަތިބަރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގުޅޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ބަޖެޓްގެ އެންމެ ބޮޑު އަމާޒަކީ ފިޒިކަލް ސްޓްރެޓަޖީއާ އެއްގޮތަށް ބަޖެޓް ހުށަހެޅުން ކަމަށެވެ. ފިޒިކަލް ސްޓްރެޓަޖީގެ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާނެ ބަޖެޓެއްގެ ގޮތުގައިކަނޑައަޅާފައިވަނީ 41.5 ބިލިއަން ރުފިޔާ ކަމަށް އަމީރު ވިދާޅުވި އެވެ.
"2023 ވަނަ އަހަރު 41.5 ބިލިއަން ރުފިޔޭގެ ބަޖެޓެއް ކަމަށް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ ފިސްކަލް ސްޓެރެޓެޖީ ނަމްބަރުތައް ވެސް އޭގައި އަޅުގަނޑުމެން ހިމަނާފައިވާނެ،" އޭނާ ވިދާޅުވި އެވެ.
އަންނަ އަހަރަކީ ރިޔާސީ އިންތިޚާބު އޮންނަ އަހަރަށް ވުމާއިއެކު ސަރުކާރުން ހިންގާ ގިނަ މަޝްރޫޢުތައް އަންނަ އަހަރުގެ ބެޖެޓްގެ ތެރޭގައި ހިމަނައި ނިންމުމަކީ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރެއެވެ.
ބަޖެޓްގެ މަސައްކަތް ކުރަމުންދާއިރު، މަޖިލީހަށް ބަޖެޓް ހުށަހެޅުމަށްފަހު ބަޖެޓް ކޮމެޓީގައި މެމްބަރުން ބަޖެޓުގައި ހިމަނަން ބޭނުންވާ މަޝްރޫޢުތައް ހިމަނައި، ގެންނަން ޖެހޭ ބަދަލުތަކާއި ބަޖެޓް ފާސްކުރާނީ މިފެށޭ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.