އެސްޓީއޯ ޓްރޭޑް ސެންޓަރުގެ 3 ވަނަ ފަންގިފިލާގައި ހިންގަމުންދިޔަ އާސަންދަ ކުންފުނީގެ ކަސްޓަމާ ސާވިސް އޮފީސް ފެން ބިލްޑިންއަށް ބަދަލުކޮށްފި އެވެ.

އާސަންދައިން ވިދާޅުވީ، އެކުންފުނީގެ ކަސްޓަމާ ސާވިސް އޮފީހުގެ ޚިދުމަތްތައް މިއަދުން ފެށިގެން ދެން ލިބޭނީ އަމީނީމަގުގައި ހުންނަ ފެން ބިލްޑިންގގެ 3 ވަނަ ފަންގިފިލާއިން ކަމަށެވެ.

މި ގެނެވުނު ބަދަލާއެކު އާސަންދަ ސްކީމުގެ ދަށުން ރާއްޖެއިން ބޭރަށް ސިއްހީ ފަރުވާ ހޯދުމަށް ފުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހެޅުމުގެ ކަންކަން ކުރިއަށްދާނީ ފެން ބިލްޑިންގުގައި ހުރި ކަސްޓަމާ ސާވިސް އޮފީހުންނެވެ.

އާސަންދަ ކަސްޓަމާ ސާވިސް އޮފީހުގެ ހިދުމަތް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެވެސް ހެނދުނު 8:00 އިން ހަވީރު 4:00 އަށް ލިބޭނެ އެވެ. އަދި ހޮނިހިރު ދުވަހު ހެނދުނު 9:00 އިން މެނދުރު 1:00 ޖެހުމާ ހަމައަށް މި އޮފީހުން އާއްމުންނަށް ހިދުމަތް ލިބޭނެ އެވެ. ރަސްމީ ގަޑީގެ ބޭރުން އިމަރޖަންސީ ކޭސްތަކުގެ ލިޔެކިއުންތައް ކަސްޓަމާ ސާވިސް ސެންޓަރުން ބަލައިގަންނާނެ ކަމަށް ވެސް އާސަންދައިން ބުނެ އެވެ.

އާސަންދަ ކޮމްޕެނީ ލިމިޓެޑަކީ ދިވެހިރާއްޖޭގެ އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ މަސައްކަތްތައް ހިންގާ ބެލެހެއްޓުމަށްޓަކައި ސަރުކާރުން 2011 ވަނަ އަހަރު ގާއިމްކޮށްފައިވާ ކުންފުންޏެކެވެ.