ދުނިޔޭގެ އިގްތިސާދަށް އަންނަ ނޭދެވޭ އަސަރުތަކެއް ކުރިމަތިވި ނަމަވެސް ރާއްޖޭގެ އިގްތިސާދު އަންނަނީ ވަރަށް ބާރުމިނުގައި ކުރިއަރަމުން ކަމަށް މަރުކަޒީ ބޭންކް (އެމްއެމްއޭ)އިން ލަފާކޮށްފި އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ މިއަހަރުގެ ތިން ވަނަ ކުއާޓާގެ އިކޮނޮމިކް ބްލެޓިން ރިޕޯޓްގައި ބުނެފައިވާ ގޮތުގައި މިދިޔަ އޮކްޓޯބަރު މަހު އިގްތިސާދީ ކުރިއެރުން އަލުން މުރާޖައާ ކުރިއިރު މިއަހަރު ރާއްޖޭގެ އިގްތިސާދުގެ ކުރިއެރުން ހުރީ 12.30 އިންސައްތަގައި ކަމަށެވެ. އަދި މިއަހަރު ނިމޭއިރު، ކޮވިޑްގެ ކުރީގައި ރާއްޖޭގެ އިގްތިސާދީ ކުރިއެރުން ހުރި ހިސާބަށް އަލުން ދެވޭނޭ ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.
އެމްއެމްއޭއިން އާންމުކޮސްފައިވާ ފަހުގެ ތަފާސްހިސާބުތަކުން ދައްކަނީ އަންނަ އަހަރު 7.6 ޕަސެންޓްގެ ކުރިއެރުމެއް ރާއްޖޭގެ އިގްތިސާދަށް އަންނާނެ ކަމަށެވެ.
އެމްއެމްއޭއިން ބުނީ މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ރާއްޖޭގައި އިގްތިސާދަށް ކުރިއެރުން އައީ ރާއްޖެގައި ޓޫރިސްޓުން ހޭދަކުރި ވަރު 33 ޕަސެންޓު އިތުރުވުމުން ކަމަށެވެ. އެމްއެމްއޭއިން ބުނީ ޓޫރިސްޓުން އަންނަ އަދަދު ރަނގަޅުވި ނަމަވެސް ރާއްޖޭގެ ކަރަންޓް އެކައުންޓް ޑެފިސިޓް ޖީޑީޕީގެ ނިސްބަތުން 18 ޕަސެންޓަށް އިތުރުވާނެ ކަމަށެވެ. އެއީ މިދިޔަ އަހަރަށް ވުރެ 10 ޕަސެންޓުގެ އިތުރުވުމެކެވެ. މި އަހަރު ރާއްޖެއިން އިމްޕޯޓު ކުރި ވަރު 3.2 ބިލިއަން ޑޮލަރަށް އަރާނެ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއިން އިމްޕޯޓު ކުރީ 2.4 ބިލިއަން ޑޮލަރުގެ މުދަލެވެ. ކަރަންޓް އެކައުންޓް ޑެފިސިޓުން ދައްކުވައިދޭނީ ރާއްޖެ އަށް އިމްޕޯޓު ކުރާ ވަރާއި އެކްސްޕޯޓު ކުރާ މިންވަރެވެ.
އެމްއެމްއޭއިން ފާހަގަކުރި ގޮތުގައި އަންނަ އަހަރު ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވާނޭ އެންމެ ބޮޑު ގޮންޖެހުމަކީ އިންފްލޭޝަން ނުވަތަ ތަކެތީގެ އަގުތައް މައްޗަށް ދިޔުމެވެ. އެމްއެމްއޭއިން ބުނީ މި އަހަރު ނިމޭ އިރު ރާއްޖޭގެ އިންފްލޭޝަން ހުންނާނީ 2.2 ޕަސެންޓުގަ އެވެ. އަންނަ އަހަރު ޖީއެސްޓީ ބޮޑު ކުރުމާ ގުޅިގެން އިންފްލެޝަން ދެ ގުނައަށް އިތުރު ވާނެ ކަމަށް އެމްއެމްއޭއިން ވަނީ ލަފާކޮށްފަ އެވެ. އެގޮތުން އަންނަ އަހަރު އިންފްލެޝަން ހުންނާނީ 5.4 ޕަސެންޓުގަ އެވެ.އެމްއެމްއޭގެ ރިޕޯޓްގައި ފާހަގަކުރި ގޮތުގައި އަންނަ އަހަރުގެ ތެރޭގައި އިގްތިސާދީ ކުރިއެރުމަށް ކުރިމަތިވެފައިވާ ރިސްކްތައް ނުވަތަ ގޮންޖެހުންތައް ވަރަށް ބޮޑެވެ.