އިޓަލީގެ މަޝްހޫރު ފެޝަން ގްރޫޕެއް ކަމަށްވާ ޑޮލްޗޭ އެންޑް ގަބާނާ (ޑީއެންޑްޖީ) އިން ރާއްޖޭގައި ރިސޯޓެއް ހަދަން އިންވެސްޓްކުރަން ނިންމައިފި އެވެ.
ރޮއިޓާސް އިން ބުނިގޮތުގައި ދުނިޔޭގެ އެންމެ ވަރުގަދަ އެއް ފެޝަން ބްރޭންޑުން ރިއަލް އެސްޓޭޓް ދާއިރާއަށް ވަންނާނެ ނިންމައި، އެމެރިކާ އާއި ސްޕެއިންގައި ރެސިޑެންޝަލް ދެ ސްކީމެއް ކުރިޔަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރަން ވެސް ނިންމާފައިވާ ކަމަށް އެ ކުންފުންޏާ ހަވާލާދީ ރޮއިޓާސް އިން ބުންޏެވެ.
ޑީއެންޑްޖީ އިން ބުނީ މީހުން ދިރިއުޅޭ އެޕާޓްމަންޓްތަކެއް ހެދުމަށް އެމެރިކާގެ މަޔާމީގައި ހުންނަ ޖޭޑީއެސް ޑިވެލޮޕްމަންޓް ގްރޫޕާއި މާބެލާގެ ސިއެރާ ބްލެންކާ އެސްޓޭޓްސްއާ ގުޅިގެން މަސައްކަތް ނިންމާފައިވާ ކަމަށެވެ. އަދި ރާއްޖޭގައި އިންވެސްޓްކުރާނީ ދާރުގްލޯބަލްއާ ގުޅިގެން ކަމަށް ވެސް ބުނެފައިވެ އެވެ.
މި މަޝްރޫއުތަކަށް ހަރަދުކުރާނެ މިންވަރެއް ހާމައެއް ނުކުރެ އެވެ. އަދި ޑީއެންޖީ އިން އިން ތަރައްގީކުރަން ނިންމާފައި ވަނީ ކޮން ރަށެއް ކަމެއް ވެސް ސާފެއް ނުވި އެވެ.
ފާއިތުވި ވިއްސަކަށް އަހަރު ދުވަހުގެ ތެރޭގައި ގިނަ ލަގްޒަރީ ގްރޫޕްތަކެއް ރިއަލް އެސްޓޭޓަށް ވަދެފައިވެ އެވެ. އެގޮތުން އިޓަލީގެ މަޝްހޫރު ފެޝަން ބްރޭންޑްތައް ކަމަށްވާ އަރްމާނީ ނުވަތަ ވާސާޗޭ ފަދަ ބްރޭންޑްތަކުން އަމިއްލަ ނަމުގައި ހޮޓާތައް ހުޅުވާފައިވެ އެވެ. ރާއްޖޭގައި ހިންގާ އެންމެ އަގު ރިސޯޓުތަކުގެ ތެރޭގައި ހިމެނޭ ނ. އަތޮޅުގައި އޮންނަ ޝެވަލް ބްލޮންކް އަކީ ފްރާންސްގެ މަޝްހޫރު ލަގްޒްރީ ފެޝަން ބްރޭންޑް ލުއިވުޓޮން މޮއެޓް ހެނެސީ (އެލްވީއެމްއެޗް) އިން ހިންގާ ރިސޯޓެކެވެ.