ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެން ފެރީގެ ނިޒާމުން ގުޅާލުމަށް ސަރުކާރުން ކުރިއަށްގެންދާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފްރޭމްވޯކު އެއްބަސްވުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެކު މިއަދު ސޮއިކޮށްފި އެވެ.
ދިވެހިރާއްޖޭގެ އަޑުގެ ސެނެކޯ މާލަމުގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ގައުމީ ފެރީ ވިއުގަ ގައިމުކުރުމުގެ ފްރޭމްފޯކް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތިމަތު ޝާނާ އެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާދަމް އާޒިމެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ ގައުމީ ފެރީ ވިއުގައަކީ ރާއްޖޭގެ އިގްތިސާދާއި ޓްރާންސްޕޯޓްގެ ސިނާއަތަށް ބޮޑު ބަދަލެއް ގެނުވާނެ މަޝްރޫއެއް ކަމަށެވެ.
"މީގައި އަޅުގަނޑުމެން ބޭނުންކުރާނީ އާދައިގެ ދޯނި ފެރީގެ ބަދަލުގައި ހައިސްޕީޑް ފެރީ ނުވަތަ ލޯންޗުތައް. އެމްޓީސީސީއާއެކު މިމަސައްކަތް ކުރިއަށްގެންދެވުމުން ފެރީގެ ޚިދުމަތް މެދުނުކެނޑިދެވޭނެކަމުގެ ޔަގީންކަން އެބަލިބިގެންދޭ. މިކަމުގައި ރާއްޖޭގެ އުފެއްދުންތައް ބޭނުންކުރުމަކީ މިސިނާޢަތަށް ލިބޭ އިތުރުކުރިއެރުމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ނަހުލާ ވިދާޅުވީ އެމްޓީސީސީން ފެރީގެ ޚިދުމަތުގައި ރާއްޖޭގައި ބަންނަ ފެރީތައް ބޭނުންކުރުމަކީ ބޯޓު ބަނުމުގެ ސިނާއަތަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމެއް ކަމަށެވެ. އަދި އަތޮޅުތެރޭގެ ދަތުރުފަތުރު އިތުރުވެ، ވިޔަފާރީގެ އިތުރު ފުރުސަތުތަކެއް އެކަމުގެ ސަބަބުން ފަހިވެގެންދާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ ގައުމީ ފެރީ ވިއުގައިގެ މަޝްރޫޢުއާއެކު ސަރުކާރުގެ ދަތުރުފަތުރުގެ ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤުސަދަށް ވާސިލުވެވުނީ ކަމަށެވެ. އަދި މިއީ ބޮޑު މަޝްރޫއެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިމަސައްކަތް ނިމޭއިރު ރައްޔިތުން ޝަކުވާ ނުކުރާފަދަ ޚިދުމަތެއް ދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"ޕްލޭނިން މިނިސްޓްރީން އަޅުގަނޑުމެނާ މަޝްރޫއު ހަވާލުކުރީ ވަކި ކަންކަމަކަށް ޝަރުތުކުރުމަށްފަހު. އެގޮތުން ހަފްތާއަކު ހަތް ދުވަހު ޚިދުމަތްދިނުމަށާއި އެއްވެސް ގޮތަކަށް ޚިދުމަތަށް ބުރުނާރާ ޙާލަތަކަށް ބެކަޕް ޕްލޭނެއް އޮތުމާއެކު އެންމެ ޑިމާންޑް ބޮޑު ސަރަޙައްދުތަކުގައި ދުވާލަކު ދެ ދަތުރު ބޭއްވުމަށް ވެސް ވަނީ ޝަތުރުކޮށްފައި،" އޭނާ ވިދާޅުވި އެވެ. "އަދި އެއާޕޯޓާއި ހޮސްޕިޓަލް ހުންނަ ރަށްރަށަށް ކޮންމެހެން ޚިދުމަތްދޭންޖެހޭނެ ކަމަށްވަނީ ޝަރުތުކޮށްފައި."
ނެޝަނަލް ޕްލޭނިން މިނިސްޓްރީން ބުނީ އެ ޚިދުމަތް ދިނުމަށް ފްރޭމް ވޯކް އެކުލަވާލާފައިވަނީ ރާއްޖެ ހަ ޒޯނަކަށް ބަހާލައިގެންނެވެ. އަދި ޚިދުމަތް ދިނުމުގައި ތިން ރޫޓެއް ބޭނުންކުރުމަށް ވެސް ނިންމާފައިވެ އެވެ. އެގޮތުން ކައިރި ރަށްރަށްކުރާ ކުރު ދަތުރުތަކަށް ކޮމިއުޓަރު ލިންކާއި ޚާއްސަ ހާލަތްތަކުގައި ދުރު ރަށްރަށަށް ބާއްވާ ނޮން ކޮމިއުޓަރު ލިންކާއި އެއް ޒޯނުން އަނެއް ޒޯނަށް ދަތުރުކުރާ ހައިވޭ ލިންކެވެ. ޚިދުމަތުގައި އެމްޓީސީސީން ބޭނުންކުރުމަށް ނިންމާފައިވަނީ 40-50 ދެމެދުގެ ޖާގައިގެ 47 ފޫޓުގެ ލޯންޗެވެ.
ފުރަތަމަ ފިޔަވަހީގެ ދަށުން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހއ އަދި ހދގެ އިތުރުން ށ. އަތޮޅުގައި ފެރީގެ ޚިދުމަތް ފެށުމަށް އިތުރު އެއްބަސްވުމަކާއެކު ވަނީ ނިންމާފަ އެވެ. ފުރަތަމަ ޒޯންގައި 41 ރަށަކަށް ޚިދުމަތްދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެމްޓީސީސީން ބުންޏެވެ. އެ ފެރީ ޚިދުމަތްދިނުމަށް އެމްޓީސީސީގެ ފަރާތުން ފެރީ ޓާމިނަލް ގާއިމުކުރުމާއި މަޝްރޫއަށް ބޭނުންވާ ފެރީ ހޯދުމުގެ މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ރާއްޖެ ހައިސްޕީޑް ފެރީ ނިޒާމަކުން ގުޅައިލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް އެމްޓީސީސީއަށް އެއްބަސްވުމެއްގެ ދަށުން ހަވާލުކޮށް ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީ މިދިޔަ އަންގާރަ ދުވަހު އެވެ.