ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލްގައި މުޅިން އާ ދެ ފުޑް އެންޑް ބެވަރެޖް (އެފްއެންޑްބީ) އައުޓްލެޓް މިއަދު ހުޅުވައިފި އެވެ.
މިއަދު މި ހުޅުވުނު އެފްއެންޑްބީ ދެ އައުޓްލެޓަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސް ހޯސްޓް އިން ހުޅުވި ދެ އައުޓްލެޓެވެ.
ވީއައިއޭ ޑިޕާޗާ ޓާމިނަލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ އައުޓްލެޓް ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ އާމިރު މަންސޫރު އަދި އެޗްއެމްއެސް ހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރު ސްރަވަން ޕަޓްނައިކެވެ.
މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ އިސްވެރިންގެ އިތުރުން ގްރޭޕް އެކްސްޕެކްޓޭޝަންސް އަދި އެޗްއެމްއެސް ހޯސްޓުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ވީއައިއޭ އިންޓަނެޝަނަލް ޑިޕާޗަގައި ފުޑްކޯޓް ހަދަން އެމް.އޭ.ސީ.އެލް އިން ނިންމީ މި ސަރަހައްދުން ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފޯރުކޮށްދިނުމުގެ އިތުރުން ދަތުރުވެރިންނަށް ވެލާނާ އިންޓަނެޝަނަލް އެއަޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކަ އެވެ.
އެމްއޭސީ.އެލް އާއި ގްރޭޕް އެކްސްޕެކްޓޭޝަން އަދި އެޗްއެމްއެސް ހޯސްޓް އިން ކުރެވުނު މަސައްކަތުން މިއަދު ހުޅުވުނު އައުޓްލެޓްގެ ތެރެއިން ގްރޭޕް އެކްސްޕެކްޓޭޝަން އިން ހުޅުވި އައުޓްލެޓްއަކީ އެ ކުންފުނީގެ އަމިއްލަ ބްރޭޑެއް ކަމަށްވާ "ދަ ގްރޭޕް" އެވެ. މިއީ އެ ކުންފުނީގެ މިފަދަ ފުރަތަމަ އައުޓްލެޓް އެވެ. އަދި އެޗްއެމްއެސް ހޯސްޓް މޯލްޑިވްސް މިއަދު ރަސްމީކޮށް ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ، އަދި ގްރެބް އެންޑް ފްލައި ހިންގާ އައުޓްލެޓެކެވެ. މި ދެ ކުންފުންޏަކީ 2018 އިން ފެށިގެން އެއާޕޯޓުގައި ރެސްޓޯރަންޓް ހިނަގަމުން އަންނަ ދެ ކުންފުންޏެވެ.
މިއަދު ހުޅުވުނު ދެ އައުޓްލެޓް ހުޅުއްވައި ދެއްވުމަށް ފަހު ވާހަކަ ދަކަވަމުން އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލްގެ އަބަދުވެސް އަމާޒަކީ ވީއައިއޭއިން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތް ފޯރުކޮށްދިނުން ކަމަށާއި މިއަދު ހުޅުވިގެން މިދިޔަ ދެ އައުޓްލެޓުން ދަތުރުވެރިންނަށް ރަނގަޅު ޚިދުމަތެއް ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށެވެ.