މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދެ ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.
އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ މުހައްމަދު ލަމްއާނާއި މުޖުތަބާ ލަތީފު އެވެ.
ލަމްއާނަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ދުވަސްކޮޅަކަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުވެސް އަދާކުރެއްވި ބޭފުޅެކެވެ.
ލަމްއާން އަށް މަގާމު ދެއްވީ މިމަހުގެ އެއްވަނަ ދުވަހު އެވެ. މުޖުތަބާއަށް މަގާމު ދެއްވީ އިއްޔެގެ ވަގުތެއްގަ އެވެ.
މުޖުތަބާ އަކީ އެމްއޭސީއެލްގެ ޖެނެރަލް މެނޭޖާ، ކޮމާޝަލްގެ މަގާމު ކުރިން އަދާކުރެއްވި ބޭފުޅެކެވެ. އޭނާ އެ މަގާމުން 2020 ވަނަ އަހަރުގެ ތެރޭގައި ވަކިކުރީ އެމްއޭސީއެލް އަށް އާ ސީޕްލޭން ޓާމިނަލް ހިންގޭނެ ކަމަށް ވިދާޅުވާތީ އާއި ކުންފުންޏަށް ބޮޑު އާމްދަނީއެއް ގެއްލޭ ގޮތަށް ޓީއެމްއޭއަށް އެ ތަން ދޭން ދެކޮޅު ހެއްދެވުމުންނެވެ.
މުޖުތަބާއަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، އޭރު އެމްއޭސީއެލް ބެލެހެއްޓުމުގެ ޒިންމާއާ ސަރުކާރު ތެރެއިން ހަވާލުވެ ހުންނެވި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާ ޖެހުނު މައްސަލައެއްގައި، ވަޒީފާ ގެއްލުނު ބޭފުޅެކެވެ. އެކަމަކު އާ ސަރުކާރާ އެކު އޭނާ އަށް އަލުން ވަޒީފާ ދިނެވެ. ނަމަވެސް އޭގެ ފަހުން އަނެއްކާ ވެސް އަނެއްކާ ވެސް ވަޒީފާއިން ވަކިކުރި އެވެ.
މުޖުތަބާ އާއި ލަމްއާން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ތޯހާ ވަކިކުރެއްވުމަށްފަހު އެވެ. އޭނާ މީހާރު ހުންނަވަނީ އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ.
މީގެ އިތުރުން އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރުގެ މަގާމަށް އެސްޓީއޯގެ ކުރީގެ ސީއެފްއޯ މުހައްމަދު މިހާދު ވަނީ އައްޔަންކޮށްފަ އެވެ. އަދި އެ ކުންފުނީގެ ޔުޓިލިޓީސް ޑިޕާޓްމަންޓްގެ ޑެޕިއުޓީ ޗީފް އޮފިސަރުގެ މަގާމަށް ކުރީގެ ކޮމިޝަނާ އޮފް ޕްރިޒަން މުހައްމަދު ޚުޝާމް ވަނީ އައްޔަންކޮށްފަ އެވެ.
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ އިބްރާހިމް ޝަރީފް މުހައްމަދު އެވެ.