ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި އަލަށް ހަދާ ޓާމިނަލް ނިމޭއިރު ސެލްފް ސާވިސް ޗެކިން ފަދަ ވަރަށް ބައިވަރު ފަސޭހަތަކެއް ފަސިންޖަރުންނަށް ލިބެން ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދޭގޮތަށް 78،000 އަކަ މީޓަރަށް ވުރެ ބޮޑު ސަރަހައްދެއްގައި ހަދާ މި ޓާމިނަލްގައި ރާއްޖޭގައި އަލަށް އެރޯ ބޯޑިން ބްރިޖާއި އެންމެ ޒަމާނީ އަދި ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ހިމެނެ އެވެ. އާ ޓާމިނަލް އިމާރާތުގެ ސަބަބުން، މިހާރު ހުރި ޓާމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް، އެފްއެންޑްބީ އައުޓްލެޓްތަކާއި އިތުރު ފިހާރަތަކާއި ލައުންޖްތަކާއި އެހެނިހެން ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ލިބެން ހުންނާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
މި ޓާމިނަލް މި އަހަރު ނިމުމުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ.
އެ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު ވިދާޅުވީ މިހާރު އެ އެއާޕޯޓަށް ފުރަން އަންނަ ޕެސެންޖަރުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ބެގޭޖް ސްކްރީން ކުރުން ކަމަށެވެ.
"ބޭޖެގް ސްކްރީންކޮށްފައި އަނެއްކާ ޗެކިން ކައުންޓަރަށް ކިއުއަކަށް ގޮސް، އެތައް މިނިޓަކު ހުރެގެން ޗެކިން ނިމިގެން ދެން މިދާން ޖެހޭނީ އިމިގްރޭޝަނާއި ދިމާއަށް. އާ ޓާމިނަލްގައި މި ހުރިހާ ފްރަންޓް ސްކްރީނެއް ނުހުންނާނެ. އަމިއްލަ އައިސް ސެލްފް ސާވިސް ޗެކިން ކޮށްލާފައި ބެޖް ޑްރޮޕް ކޮށްލަންވީ ހަމަ. ނުވަތަ ޗެކިން ނުވަތަ ކައުންޓަރަށް ގޮސް ޗެކިން ކޮށްލަންވީ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ބެގެޖް ސްކްރީނިން އާއި މިހުރިހާ ކަމެއް ދާނީ އޭގެ ފަހަތުގައި ކަމަށެވެ.
"އާ ޓާމިނަލްގައި މިއަންނަނީ ބެގޭޖް ހޭންޑަލިން ސިސްޓަމް. މީގެ ސަބަބުން ބެގޭޖް އޮޓޮމެޓިކަލީ ޓެގްކޮށްފައި، ސޯޓް [ހައްލު]ކޮށްފައި، ކޮން އެއާލައިނަކަށް ކޮން ބެގޭޖެއްކަން ދާނީ ބަލާފައި، ސެކިއުރިޓީ ބޭފުޅުން ފަހަތުގައި ތިއްބަވައިގެން ސެކިއުރިޓީ ސްކްރީން ކުރައްވާފައި ހުރިހާ ކަމެއް ކުރާނީ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ފަސިންޖަރުންނަށް މިހާރު ދިމާވާ ދަތިތައް ވަރަށް ބޮޑަށް ކުޑަވެގެން ދާނެ ކަމަށެވެ.
"ގާތްގަނޑަކަށް ނެތިގެންދާނެ މިހާރުގެ ހާލަތުން ވިއްޔާ. އެހެންވީމަ އާ ޓާމިނަލްގައި ވަރަށް ބައިވަރު އަދި މިއަށްވުރެ ވެސް އިތުރު ފަސޭހަތަކެއް އަންނަ އަދި ފުރާ ޕަސިންޖަރުންނަށް ހުންނާނެ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ މިއަހަރު ކުރީކޮޅު އިއުލާންކުރި 20 އަހަރުގެ ތަސައްވުރަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް އަދި ދިވެހި އިގްތިސާދު އެހެން ހަރުފަތަކަށް އުފުލާލުމަށް މުހިންމު ތަސައްވުރެއްކަން ކަމަށެވެ.
"މައިގަނޑުގޮތެއްގައި ތަނެއް ތަރައްގީކުރާއިރު މި ބޭނުންކުރާ ސްޓެޓިސްޓިކަލް ހަމަތަކަކީ ލެގިން ޑޭޓާ ޔޫސްކުރުން. އެއީ ފާތުވި ތަނުގައި ބޭނުންކުރި އަދަދުތަކެއްގެ މައްޗައް ބިނާކޮށް މުސްތަގުބަލްގައި ތަނެއް ޕްލޭން ކޮށް މިހަދަނީ،" އޭނާ ވިދާޅުވި އެވެ.
ޝަރީފު ވިދާޅުވީ ވެލާނާ އެއާޕޯޓަކީ މިސަރަހައްދުގައި ވެސް ފާހަގަކޮށްލެވޭ އެއާޕޯޓަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
"މިތަނަށް ޕަސިންޖަރުން އަންނާނީ އޭރުން ހަމައެކަނި ޑެސްޓިނޭޝަނަކަށްދާ ޓްރާންސިޓް ޕޮއިންޓަކަށް ނޫން. މިތަން އެކްސްޕީރިއަންކުރަން އަންނާނެ ޕަސިންޖަރުން ދުނިޔޭގެ އެތަން މިތަނުގައި ތިބޭނެ. މިއާ ގުޅިފައިވާ ފްރީޒޯނާއި (އެކޮނޮމިކް ފްރީ ޒޯން) ނުނީ ޝޮޕިން، މިކަހަލަ ބައިވަރު އެކްސްޕީރިއަންތަކެއް ހިމެނޭނެ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ އޭގެ އިތުރަށް ޖެނެރަލް އޭވިއޭޝަން ނުވަތަ ޕްރައިވެޓް ޖެޓްސް އައިސް އެމީހުންނަށް އެކަށީގެންވާ ޚިދުމަތެއް ދެވޭނެ ކަހަލަ ޖެޓް ޓާމިނަލްސް ހުޅުވޭނެ ކަމަށެވެ.
"ގިނަ އަދަދަކަށް ފްލައިޓް މޫވްކުރާ ތަނެއް ވިއްޔާ އެމްއާރުއޯ ފެސިލިޓީސްގެ ލައިން މެއިންޓަނަންސްއާއި ނުވަތަ އެއަށް ވުރެ ހަޔާ ލެވެލް އޮފް ސާވިސް ލިބޭނެ ފެސިލިޓީސް މިތާގައި ހުންނާނެ. އޭގެ ސަބަބުން ބޯޓެއް މިތަނަށް އަންނާކަށް އެއްވެސް ކަހަލަ ޖެހިލުމެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ.
ޝަރީފް ވިދާޅުވީ ރާއްޖެ އަންނަ ޖެޓަކަށް ޓެކްނިކަލް އިޝޫއެއް ދިމާވެއްޖެއްޔާ މިތަނުން ހައްލުވާނެ ކަމަށެވެ.
"އެހެންކަމުން މިކަހަލަ ތަފާތު ވިސްނުންތަކެއްގައި ރައީސް. ޑރ. މުހައްމަދު މުއިއްޒުގެ އެޕްލޭންގައި އެއޮތީ. އެއީ ހަމަ ވަރަށް އެމްބިޝަސް އެކަމަކު ގައުމަށް ވަރަށް ބޭނުން އަދި ވަރަށް އެއާޕޯޓަކީ ތަފާތު ތަނަކަށް ވެގެންދާނެ މަޝްރޫއެއް،" އޭނާ ވިދާޅުވި އެވެ.