ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން މާލެ ސަރަހައްދުގެ ކުނި އުކާލާ އާއްމު އުޅަނދުތަކުން ނަގާ ފީ 500 ރުފިޔާ އަށް ކުޑަކޮށް، ގޭޓްފީ ނެގުން ހުއްޓާލައިފި އެވެ.

ވެމްކޯއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މިދިޔަ އަންގާރަ ދުވަހުން ފެށިގެން ކުނި ގެންދާ އާއްމު އުޅަނދުގެ ޓަނަކުން ނަގަމުން އަންނަ ޓިޕިން ފީ 500ރ. އަށް ކުޑަކޮށްފައިވާ ކަމަށެވެ.

މީގެ ކުރިން ކުނި ޓަނަކަށް ޓިޕިންގް ފީގެ ގޮތުގައި ނަގަމުން އައީ ޓަނަކުން 750 ރުފިޔާ އެވެ.

މީގެއިތުރުން ގޭޓް ފީގެ ގޮތުގައި ނަގަމުން އައި 150ރ. އަންގާރަ ދުވަހުން ފެށިގެން ނުނަގާނެކަމަށް ވެސް ވެމްކޯ އިން ބުނެފައިވެ އެވެ.

އޭގެ އިތުރުން މާލެ ސަރަހައްދުގެ ހުރިހާ ޓްރާންސްފާ ސްޓޭޝަންތަކެއްގައި ކުނީގެ ބަރުދަން ބެލުމުގެ އިންތިޒާމް ގާއިމު ކުރެވެން ދެން، ބަރުދަނަށް ރިއާޔަތްކޮށް އަގު ނެގުން ހުއްޓާލާފައިވާ ކަމަށް ވެސް ވެމްކޯއިން ބުނެފައިވެ އެވެ.

ވެމްކޯގެ ޓްރާންސްފާ ސްޓޭޝަނަށް ގެންދާ ކުންޏަށް ނަގާ އަގަށް މި އަހަރު ތެރޭގައި ވަނީ ދެ ފަހަރެއްގެ މަތިން ބަދަލު ގެނެސްފަ އެވެ.